“ވައުދު ނުފުއްދާ ބަޔަކަށް ކައުންސިލްތައް ދިނުމުން ފެންނާނީ ހުދުމުހުތާރުކަން”

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

ވައުދު ނުފުއްދާ ބަޔަކަށް ކައުންސިލްތައް ދިނުމުން ފެންނާނީ ހުދުމުހުތާރުކަން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޮލިހްގެ ސަރުކާރުން ގިނަ ވައުދުތަކެއް ފުދިފައިނުވާއިރު އަދި ރިޔާސީ އިންތިހާބުގައި ވައުދުވި މިނިމަމް ވޭޖުވެސް ކަނޑައެޅިފައި ނުވާއިރު ކައުންސިލް އިންތިހާބު ސަރުކާރަށް ދީގެން ފެންނާނީ ކޮން އެއްޗެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.

އަދި ވަޒީފާގެ ޕްރޮބޭޝަން ދިގުކޮށް ބައެއް ސަބްޖެކްޓުތައް ހުއްޓާލާ ތިން ބާރު މަސްހުނި ކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެނޭކަމަށާއި،  ލޯކަލް ކައުންސިލްތައް ސަރުކާރަށް ދީފިނަމަ ހުދުމުހުތާރު ވެރިކަމަށް މިސްރާބު ޖަހާނެކަން ރައްޔިތުން ދަންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ނަތީޖާއަށް ވުރެ ބޮޑު ކާމިޔާބީއެއް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެން ނެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތައް ހަރު ކުރުމަށް މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ނަތީޖާއަށް ވުރެ ބޮޑު ކާމިޔާބީއެއް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހޯދާނެ ކަމަށާއިއި، ރައްޔިތުން އަދިވެސް ތިބީ އެ ވިސްނުމުގައި އެ މިސްރާބުގައި ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި އެއަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.