ކައުންސިލް އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބް ކުރާނަން: ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތައް ހަރު ކުރުމަށް މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ނަތީޖާއަށް ވުރެ ބޮޑު ކާމިޔާބީއެއް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހޯދާނެ ކަމަށާއިއި، ރައްޔިތުން އަދިވެސް ތިބީ އެ ވިސްނުމުގައި އެ މިސްރާބުގައި ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި އެއަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެމްޕެއިން ޕޯސްޓާ ހަރު ކުރުމުގެ ހަރަކާތް ފެއްޓީ އާޓިފިޝަލް ބީޗު ކައިރި ހުންނަ އެ ޕާޓީގެ ހަރުގެއިންނެވެ. މި ހަރަކާތް ފައްޓަވައި ދެއްވުމުގެ ގޮތުން ދެ ރައީސުންވެސް ޕޯސްޓަރު ހަރު ކުރަން ފެއްޓެވީ އެމްޑީޕީ ހަރުގެ ކައިރީގައެވެ. ދެ ރައީސުން މި ހަރަކާތް ފެށުމާއި އެކުގައި މުޅި ރާއްޖޭގައިވެސް މި ހަރަކާތް ކުރިޔަށް ދާނެ ކަމަށް އެމްޑީޕީން މީގެކުރިން ވަނީ ބުނެފައެވެ.

ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ ޓްވީޓާ އެކައުންޓް

ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އެންމެ ފުރަތަމަ ބޭއްވި އެމްޑީޕީން މާދަމާ މި ހަރަކާތް ފެށުމުން މިކަން ވެގެން ދާނީ ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީއަކުން ކުރިޔަށް ގެންދާ ފުރަތަމަ ކެމްޕެއިން ހަރަކާތަށެވެ.

އެމްޑީޕީން ބުނީ މިހަރަކާތް މެންދުރު 12:00 އިން 2:00އަށް މެދުކަނޑާލުމަށްފަހު، މެންދުރު 2:00 އިން އިރުއޮއްސި 6:00އަށް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ. ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ސިޓީތަކުން ޖުމްލަ 980 ކައުންސިލަރުން މި އިންތިހާބުގައި އިންތިހާބު ކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *