ދެ ރައީސުން ކައުންސިލް އިންތިހާބު ޕޯސްޓަރު ހަރު ކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވައިފި

ދެ ރައީސުން ކެމްޕެއިން ޕޯސްޓަރު ހަރުކުރައްވަނީ -- ފޮޓޯ / އެމްޑީޕީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތައް ހަރު ކުރުމަށް ބާއްވާ ހަރަކާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ.

މި ހަރަކާތް ފައްޓަވައި ދެއްވުމުގެ ގޮތުން ދެ ރައީސުންވެސް ޕޯސްޓަރު ހަރު ކުރަން ފެއްޓެވީ އެމްޑީޕީ ހަރުގެ ކައިރީގައެވެ. ދެ ރައީސުން މި ހަރަކާތް ފެށުމާއި އެކުގައި މުޅި ރާއްޖޭގައިވެސް މި ހަރަކާތް ކުރިޔަށް ދާނެ ކަމަށް އެމްޑީޕީން މީގެކުރިން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އެންމެ ފުރަތަމަ ބޭއްވި އެމްޑީޕީން މާދަމާ މި ހަރަކާތް ފެށުމުން މިކަން ވެގެން ދާނީ ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީއަކުން ކުރިޔަށް ގެންދާ ފުރަތަމަ ކެމްޕެއިން ހަރަކާތަށެވެ.

އެމްޑީޕީން ބުނީ މިހަރަކާތް މެންދުރު 12:00 އިން 2:00އަށް މެދުކަނޑާލުމަށްފަހު، މެންދުރު 2:00 އިން އިރުއޮއްސި 6:00އަށް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ސިޓީތަކުން ޖުމްލަ 980 ކައުންސިލަރުން މި އިންތިހާބުގައި އިންތިހާބު ކުރާނެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.