ގަވާއިދާއި ހިލާފަށް ރާއްޖެއިން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭރުކުރަން އުޅެފި

ގަވާއިދާއި ހިލާފަށް ރާއްޖެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ބޭރު ކުރަން އުޅެފިއެވެ. މި ފައިސާތަކުގެ ދިވެހި ރުފިޔާގެ އަދަދު ހަތަރު މިލިއަނަށްވުރެ މައްޗެވެ.

މި ފައިސާތައް އަތުލައިގެންފައި ވަނީ ތިން ފަހަރެއްގެ މަތިންނެވެ.  އެގޮތުން މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން ގަވާއިދާއި ހިލާފަށް ރާއްޖެއިން ފައިސާތަކެއް ބޭރު ކުރަން އުޅެނިކޮށް ވަނީ ހިފަހައްޓާފައެވެ. އަދި މިއަހަރުގެ ތެރޭގައިވެސް ގަވާއިދާއި ހިލާފަށް ރާއްޖެއިން ބޭރަށް ފައިސާތަކެއް ގެންދަން އުޅެނިކޮށް ވަނީ ހިފަހައްޓާފައެވެ.

މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފައިސާތަކެއް ގެންދަން މަސައްކަތް ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހުއެވެ. އެ ދުވަހު ދެ ފަހަރެއްގެ މަތިން ފައިސާތަކެއް ބޭރު ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.  އެ ދުވަހު މުޅި ޖުމްލަ ދެ މިލިއަން ހަތްލައްކަ ހަތްދިހަ އެއްހާސް ދިވެހި ރުފިޔާގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް ހިފެހެއްޓިއެވެ.

ހަމައެއާއެކު މިދިޔަ ޖެނުއަރީ މަހުގެ 22ވަނަ ދުވަހު އެއް މިލިއަން ތިންލައްކަ އަށްޑިހަ ތިންހާހަށްވުރެ ގިނަ ދިވެހި ރުފިޔާގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވެއެވެ.

މި ތިން މައްސަލާގައި 29 އަހަރާއި 31 އަހަރުގެ ދިވެހި ދެ ފިރިހެނުން އަތުލައިގެންފައިވެއެވެ. އަދި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކުވެސް އަތުލައިގެންފައިވެއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާއިރު މަނީ ލޯންޑަރިންގެ ގާނޫނު ބުނާ ގޮތުން 20،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ  ނުވަތަ ބޭރު ފައިސާ ކަސްޓަމްސްއަށް ޑިކްލެއާ ކުރަންޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *