ކައިވެންޏަށް ތައްޔާރުވެފައި އިންދާ ދޮށީ އަނބި އައިސް ފިރިހެން މީހާގެ ހަގީގަތް ފަޅާ އަރުވާލައިފި

ކައިވެންޏަށް ތައްޔާރުވެފައި އިންދާ ދޮށީ އަނބި އައިސް ފިރިހެން މީހާގެ ހަގީގަތްތައް އިންނަން އުޅުނު އަންހެން މީހާއަށް ފަޅާ އަރުވާލައިފި އެވެ.

ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ކަރާޗީގައި ކައިވެނި ކުރަން އުޅުނު ފިރިހެން މީހާ އިތުރު ކައިވެނިތަކެއް ކޮށްގެން އުޅޭ ކަމަށް ފަޅާ އެރުމުން ކައިވެނި ހަފްލާގައި ތިބި މީހުންގެ ރުޅިގަނޑު ދިޔައީ ފަޅައިގެން ނެވެ.

ފިރިހެން މީހާ އިތުރު ކައިވެނިތަކެއް ކޮށްގެން އުޅޭ ކަމަށް ފަޅާ އަރުވާލީ އޭނާގެ ދޮށީ އަނބިމީހާއެވެ. އޭނާ ވަނީ ފިރިހެން މީހާގެ ކައިވެނި ހަފްލާއަށް، އެދެމީހުންގެ ދަރިފުޅު ގޮވައިގެން އައިސް އެމީހާއަކީ މިހާރުވެސް ތިން މީހުންނާއި ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށްބުނެ އެމީހާގެ ވާހަކަތައް ފަޅާ އަރުވާލާފައެވެ.

އާސިފް ރާފިގް ސިއްދީގް ނަމަކަށް ކިޔާ މި ފިރިހެން މީހައަކީ، އުމުރުން 30 އަހަރާއި 40 އަހަރާއި ދެމެދުގެ ފިރިހެނެކެވެ. އޭނާގެ ފުރަތަމަ އަންހެނުން އައިސް އެވާހަކަ އެންމެން ކުރިމަތީ ފަޅާ އަރުވާލުމުން އެ ކައިވެނި ހަފްލާގައި ތިބި މީހުންގެ ރުޅިގަނޑު ފަޅައިގެން ގޮސް، އޭނާ ގައިގަ ތަޅައި އަނިޔާކޮށް، ލައިގެން ހުރި ޓީޝާޓާއި ފަޓުލޫނު ވެސްވަނީ އިރާލާފައެވެ.

އެންމެ ފަހަކަށް އެ ފިރިހެން މީހާ ފިލައިގެން ގޮސް އޮތީ ބަހެއްގެ ދަށުގައެވެ. މި މީހާ ސަލާމަތް ކޮށްދިނީ ފުލުހުންނެވެ.

ޕާކިސްތާނުގައި އެއް އަންހެނުންނަށް ވުރެން ގިނަ އަންހެނުންނާއި ކައިވެނި ކުރުމަކީ ހުއްދަ ކަމެކެވެ. އެގޮތުން ޕާކިސްތާނުގައި މަދުވެގެން ހަތަރު އަނބިންނާއި އިނުން ހުއްދައެވެ. ނަމަވެސް ޕާކިސްތާނުގެ ގާނޫނޫ ބުނާ ގޮތުން ފުރަތަމަ އަނބިމީހާއާއި އިނދެގެން ހުރެ، އެހެން ކައިވެންޏެއް ކުރާނަމަ ދެން ހުރި އަނބިންގެ ހުއްދަ ލިބިގެން ނޫނީ އެ ކައިވެންޏެއް ނުކުރެވޭނެއެވެ.

އެކަން އެނގި ހުރެވެސް މި ފިރިހެން މީހާ އެހެން މީހަކާ ކައިވެނި ކުރަން އުޅުނީ އިނދެގެން އުޅުނު އަނބިންގެ ހުއްދަ އޮވެގެނެއް ނޫނެވެ. އޭނާ އެކަން ކޮށްފައިވަނީ އެމީހުންނަށް ސިއްރުންނެވެ.

މި ކައިވެނި ހަފްލާގައި ނަގާފައި ހުރި ވީޑިއޯއެއްގައި އޭނާގެ ދޮށީ އަންހެނުން މަދީހާ ސިއްދީގް ބުނިގޮތުގައި، އާސިފްއަކީ އޭނާ މިހާރުވެސް ކައިވެނި ކޮށްގެން އުޅޭ ފިރިމީހާއެވެ. އަދި އެދެމީހުންގެ ފިރިހެން ދަރިއަކުވެސް ހުންނަ ކަމަށް މަދީހާ ބުންޏެވެ. އަދި އޭނާ ރަށުން ފުރައިގެން ދިޔައީ ހައިދްރަބާދަށް 3 ދުވަހަށް ކަމަށް ބުނެފައި ކަމަށްވެސް މަދީހާ ބުންޏެވެ.

މަދީހާ ބުނިގޮތުގައި އޭނާއާ އާސިފް ކައިވެނިކޮށްފައި ވަނީ ކަރާޗީގެ ފެޑެރަލް އުރުދޫ ޔުނިވާސިޓީގައި އޭނާ ކިޔަވަމުންދަނިކޮށް އެތަނުން ދިމާވެ 2016 ވަނަ އަހަރުގައެވެ.

އަދި އޭގެ ފަހުން 2018 ވަނަ އަހަރު ކަރާޗީގެ، ޖިންނާހްސް ވިމަން ޔުނިވާސިޓީގައި ކިޔަވަމުން ގެންދިޔަ ޓީޗަރެއްކަމަށްވާ، ޒެހްރާއާއި ވަގަށް ކައިވެނި ކޮށްފައިވާ ކަމަށް މަދީހާ ބުންޏެވެ. ޒެހްރާއަކީ އޭނާގެ ދެވަނަ އަންހެނުންނެވެ. އަދި އެކަން މަދީހާއަށް އެނގިފައިވަނީ ޒެހްރާ އޭނާއަށް މެސެޖްކޮށް އެކަން އެންގުމުން ކަމަށް މަދީހާ ބުންޏެވެ.

މަދީހާ ބުނިގޮތުގައި އެކަން އޭނާއަށް ފަޅާ އެރުމުން އާސިފް ވަނީ ފުރަތަމަ އެކަމަށް އިންކާރުކޮށްފައި ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އެއްބަސްވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.