އެންޓާޓިކާގެ ފިނި ހޫނުމިން ފުރަތަމަ ފަހަރަށް 20 ޑިގްރީ ސެލްސިއަސް މައްޗަށް!

Antartica region

އެންޓާޓިކާގެ ފިނި ހޫނުމިން ފުރަތަމަ ފަހަރަށް 20 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް އަރައިފިއެވެ.

އެންޓާޓިކާގެ ފިނިހޫނު މިން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެންޓާޓިކާގެ ސަރަހައްދެއް ކަމަށްވާ “ސީމޯރ އައިލެންޑުގެ” ފިނި ހޫނުމިން 20.75 ޑިގްރީ ސެލްސިއަސް މައްޗަށް އަރާފައިވާ ކަމަށް ވަނީ ލޮގު ކުރެވިފައެވެ.

މި ރީޑިންގް ނަގާފައިވަނީ “ސީމޯރ އައިލެންޑްގަ” ހުންނަ މޮނީޓަރިންގެ ސްޓޭޝަނެއް މެދުވެރިކޮށެވެ.

މިހާތަނަށް އެންޓާޓިކާގެ ފިނި ހޫނުމިން އެންމެ ބޮޑަށް މައްޗަށް ޖެހިފައިވަނީ “އެންޓާޓިކް ޕެނިންސުލާ”ގައެވެ. އެއީ 18.3 ޑިގްރީ ސެލްސިއަސްއެވެ. މި ރީޑިން ރިކޯޑް ކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ބްރެޒިލްގެ ސައިންޓިސްޓެއް ކަމަށްވާ ކާލޯސް ޝެއިފަރ ވިދާޅުވީ މިއީ މިހާތަނަށް އެންޓާޓިކާގެ ފިނި ހޫނުމިން މިހާވަރަށް މައްޗަށް އެރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެންޓާޓިކާގެ ފިނު ހޫނުމިން މިއަދަދުގައި ރިކޯޑު ކުރެވިފައިވީ ނަމަވެސް، އިތުރު ދިރާސާތައް އެކަމަށް ކުރަންޖެހޭ ކަމަށެވެ. އަދި އެއީ އެންމެ ޑޭޓާ ޕޮއިންޓެއް ކަމަށްވެފައި، އެއަށް ބިނާކޮށް ކުރިއަށް އޮތްތާ ދުނިޔޭގެ ފިނި ހޫނުމިން މުޅިއެކު ދިރާސާ ނުކުރެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ފިނި ހޫނު މިނަށް އައި ބަދަލަކީ އެ ސަރަހައްދުގައި ތަފާތު ކަމެއް ހިނގަމުންދާ ކަމުގެ ނިޝާނެއް ކަމަށްވެސް ޝެއިފަރ ވިދާޅުވިއެވެ.

ޔުނައިޓޭޑް ނޭޝަންގެ ވޯލްޑް މެޓްރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި، އެންޓާޓިކާގެ ފިނިހޫނު މިން މިދިޔަ 50 އަހަރުތެރޭ ތިން ޑިގްރީ ސެލްސިއަސް މައްޗަށް އަރާފައިވާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހަކީވެސް އެންޓާޓިކާއަށް މިހާތަނަށް އެންމެ ހޫނުވި އެއް މަހެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 100 އަހަރު ތެރޭގައި ދުނިޔެ ހޫނުވުމުގެ ސަބަބުން ސައުތު ޕޯލްގަ ހުރި ގަނޑު ފެން ވިރި މޫދުގެ އުސްމިން 10 ފޫޓް (3 މީޓަރު) މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.