ޑީކޯ ޗެމްބަރު އައްޑޫގައި އަޅާތީ ހުވަދޫ މަސްވެރިން އިހުތިޖާޖުގައި!

މަސްވެރިން އިހުތިޖާޖުގައި --ފޮޓޯ / މޯލްޑިވްސް ފިޝަމެން

ފީނަން އުޅުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވާ ފަރާތްތަކަށް ފަރުވާދެވޭނެ އިންތިޒާމު އައްޑޫސިޓީގައި ގާއިމް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް ހުވަދޫ މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަނީ ގއ. ގެމަނަފުށީގައާ ގދ. ތިނަދޫ އަދި ގއ. ނިލަންދޫގައެވެ. ހުވަދު އަތޮޅަކީ އުމުރު ފުރައިގެ މަސްވެރިކަން ކުރާ މީހުން ގިނަ އަތޮޅެކެވެ. މި މަސްވެރިންގެ ކަންބޮޑުވުމަކީ އެންމެ ގިނަ މަސްވެރިން އުޅޭ ސަރަހައްދަކީ ހުވަދު އަތޮޅު ކަމަށްވާއިރު ވެސް ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބަރު އެ ސަރަހައްދާއި އެތައް މޭލު ދުރެއްގައި އޮންނަ އައްޑޫ ސިޓީގައި ސަރުކާރުން އެކަން ކުރުމަށް ނިންމުމެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ޗެމްބަރު އަންނަ މަހު އައްޑޫ ސިޓީގައި ގާއިމް ކުރެވިގެން ދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަހަރު އެން ހޯދުމަށް ފީނާ މީހުންގެ ތެރެއިން ޑީކޯވާ މީހުން ހޭލުން ތެރި ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އައްޑޫގައި ޑީކޯ ޗެމްބަރެއް އަންނަ މަހު ހުޅުވިގެންދާނެ ކަމަށެވެ.

މީގެ ކުރިން ޝަންގްރިއްލާ ރިސޯޓުގައި ބަހައްޓާފައިވާ ޑީކޯ ޗެމްބަރުގެ ހިދްމަތް ހުއްޓާލުމާއި ގުޅިގެން އެކަމުގެ ޝަކުވާ ދެކުނުގެ މަސްވެރިން ވަނީ ރައިސް ސޯލިހަށް ހުށަހަޅާފައެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އައްޑޫގެ މަސްވެރިން ވަނީ އެމަނިކުފާނާއި ބައްދަލުކޮށް އެ ޝަކުވާ ހުށަހަޅާފައެވެ. އެމަނިކުފާންގެ ވަނީ އެދުވަހު އައްޑޫގައި ޑީކޯ ޗެމްބަރެެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.