ސީޕްލޭން މައްސަލަ ހައްލު ނުވެއްޖެ ނަމަ އިގްތިސޯދަށް ނުހަނު ގެއްލުން ވާނެ: ނަޝީދު

މީގެކުރިން ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

އާ ސީޕްލޭން ޓާމިނަލާއި ގުޅިގެން މިހާރު އުފެދިފައިވާ ކަންބޮޑުވުންތައް ހައްލު ނުކުރެވިއްޖެ ނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނުހަނު ގެއްލުން ލިބިގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މިިދިޔަ ބުދަ ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސީޕްލޭން ޓާމިނަލް މައްސަލައަށް އަވަސް ކުރުމަށް ހަލެއް ހޯދުމަށް ގޮަވާލައްވައިފަ އެވެ. އަދި އެކަމަށް އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ، އާ ރަންވޭ ހުޅުވާލުން ލަސްވުމާ، އަދި ޓީއެމްއޭއަށް ބަދަލުދޭން ޖެހުން ގާތް ކަމަށްވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ރައީސް ނަޝީދަށް އަމާޒުވިއެވެ. އެހެންކަމުން ރައީސް ނަޝީދު ވަނީ ސޯޝަލް މީޑިއާއަށް ކުރު ނޯޓެއް ދޫކޮށްލާފައެވެ. ސީޕްލޭން ޓާމިނަލާއި ގުޅޭގޮތުން އެމަނިކުފާނު ދައްކަވާ ވާހަކަތައް ރައްޔިތުންނަށް އިތުރަށް ސާފު ކޮށްދެއްވުމުގެ ގޮތުން ލިޔެފައިވާ އެ ނޯޓުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެވާހަކަ އެ މޭރުމުން އެގޮތަށް ދެއްކެވީ އެމަނިކުފާނުގެ ނަޒަރުގައި އެ މައްސަލައަށް އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ގެލުންވެދާނެ ކަމަށް ދެކޭތީ ކަމަށެވެ. އަދި ޓީއެމްއޭއާ އެމްއޭސީއެލްއާ ރައީސް ނަޝީދާއި ގުޅުން އޮންނަ ވާހަކަތައް ދޮގު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ދެ ކުންފުންޏާއި އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އަޅުގަނޑާއި ގުޅުން އޮތީ ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖެއާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ޓީއެމްއޭއިން މިހާރު ހިންގަމުންދާ ޓާމިނަލާ އެއްވަރުގެ ޖާގައެއް، މިހާރުވެސް ނަގާ ކުލީގެ ރޭޓުން އެ ކުންފުންޏަށް އާ ސީޕްލޭން ޓާމިނަލުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކޮށް ވަނީ ރިޕޯޓެއް ނެރެފައެވެ.

މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ޓާމިނަލްގެ މައްްސަލަ ނިންމާފައި ވަނީ ވަކި އޮޕަރޭޓަރަކަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން މިއަދު ބުނީ ސީޕްލޭން ޓާމިނަލްއާ މެދު ގޮތެއް ނުނިމި ލަސްވެއްޖެ ނަަމަ ވީއައިއޭގެ އާ ރަންވޭ ބޭނުން ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ބިރުބޮޑު ކަމަށްވެސް އެކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *