އެއްވެސް ބިރެއް އަދި ނުފޫޒެއްވެސް ނެތް: އޭސީސީގެ ރައީސާ

އޭސީސީގެ މެންބަރުން ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ނުއަގުގައި ކުއްޔަށް ދޭން އުޅޭ މައްސަލަ އެންޓި ކޮރަޕަޝަން ކޮމިޝަނުން (އޭސީސީ) އިން ބަލަމުން ދާތީ އެ ކޮމިޝަނުގެ ބައެއް މެމްބަރުންނަށް ސަރުކާރާއި އެމްޑީޕީގެ ފަރާތުން އިންޒާރު ލިބެމުންދާ ކަމަށް ދެކެވޭ ވާހަކަތައް އޭސީސީން ދޮގުކޮށްފިއެވެ.

އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އެކަމަނާގެ ޓްވީޓާގައި ވިދާޅުވީ އޭސީސީގެ އެއްވެސް މެންބަރަކަށް އެފަދަ އެއްވެސް އިންޒާރެއް އައިސްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އޭސީސީގެ މެންބަރުންގެ މަސައްކަތަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރާ ކަމަށެވެ. ޝިއުނާ ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށްވާ ނަމަ އެކަމެއް އާއްމުންނަށް އަންގާނެ ކަމަށެވެ.

ޝިއުނާ މިފަދައިން ވިދާޅުވިއިރު ބައެއް މީޑިއާތަކަށް އޭސީސީގެ އޮފިޝަލުންގެ ގޮތުގައި ބައެއް މީހުން ވަނީ އިންޒާރު ލިބެމުންދާ ކަމަށް ބުނެފައެވެ.

ސީޕްލޭން ޓާމިނަލް މައްސަލާގައި އޭސީސީން ވަނީ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން ފިނޭންސުން ނިންމި ނިންމުން ތަހުގީގުކޮށް ރިޕޯޓެއް ނެރެފައެވެ. މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ޓާމިނަލްގެ މައްްސަލަ ނިންމާފައި ވަނީ ވަކި އޮޕަރޭޓަރަކަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ސީޕްލޭން ޓަރމިނަލް ހިންގުން ހަވާލުކުރުމަށް ނިންމާފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާޢެއް ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލަ އޭސީސީން ތަހުގީގު ކުރުމުން، އެމްއޭސީއެލް ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ވެރިންގެ މަސްލަހަތު ޓީއެމްއޭ އާއި މަންތާގައި އޮތްކަންވެސް ވަނީ ފަޅާ އަރާފައެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން މިއަދު ބުނީ ސީޕްލޭން ޓާމިނަލްއާ މެދު ގޮތެއް ނުނިމި ލަސްވެއްޖެ ނަަމަ ވީއައިއޭގެ އާ ރަންވޭ ބޭނުން ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ބިރުބޮޑު ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ސީޕްލޭން ޓާމިނަލްއާ ގުޅޭ ތަހުގީގުތަކަށް އެ ކުންފުނިން ފުރިހަމައަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ތަހުގީގުތަކަށް އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ. އެ ކުންފުނިން ބުނީ، އެއާޕޯޓްގެ ރަންވޭގެ ތޮއްޖެހުމާއި، އެއާލައިންތަކުގެ ހަރަދު ކުޑަކުރުމަށް އާ ރަންވޭ އަވަހަށް ބޭނުން ކުރަން ފަށަން ޖެހޭ ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *