ދައުލަތުގެ މުދަލެއް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ދިނުމަކީ ބޮޑު ގޯހެއް: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން -- ފޮޓޯ / މަޖިލިސް

ދިވެހި ދައުލަތުގެ އެއްވެސް މުދަލެއް ދިވެހި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ދިނުމަކީ “ބޮޑު” ގޯހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަސްވިޔަސް ލަސްވިޔަސް، ގޯސްކޮށް ހިނގާފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ފަހުން ގެއްލުމުގެ ބަދަލު ދޭންޖެހުނަސް ހެޔޮކަމަށް ބަލައި، ދައުލަތުގެ މުދަލެއް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެއްވެސް ބަޔަކަށް ދިނުމަކީ ގޯހެއް ކަމަށެވެ.

“ގޯހެއްގެ މައްޗަށް އިތުރު ގޯހެއް ހެދުމަކީ މާ ބޮޑު ގޯހެއް،” އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން ފިނޭންސުން ނިންމި މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެ ރިޕޯޓުގައި އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން ފިނޭންސުން ނިންމި މައްސަލައަކީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައެވެ.

އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ސީޕްލޭން ޓަރމިނަލް ހިންގުން ހަވާލުކުރުމަށް ނިންމާފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާޢެއް ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލަ އޭސީސީން ތަހުގީގު ކުރުމުން، އެމްއޭސީއެލް ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ވެރިންގެ މަސްލަހަތު ޓީއެމްއޭ އާއި މަންތާގައި އޮތްކަންވެސް ވަނީ ފަޅާ އަރާފައެވެ.

އޭސީސީން ބުނީ ދައުލަތަށް ފައިދާ ވާން އޮތް ކަމެއްގައި، ވަކި ބަޔަކަށް މަންފާވާ ގޮތަށް ނާޖައިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތްކޮށްފައިވާ ކަމާއި އެގޮތަށް ނިންމިއިރު، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި އަދި ކުރިން ތިބި ފަރާތްތަކާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާގަކުރެވިފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްގެ ބޯޑުގެ މިހާރު އަދި ކުރީގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެ ކުންފިތަކުގައި އޮންނަކަން އެނގެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.