ޓާމިނަލްއާ މެދު އަވަހަށް ގޮތެއް ނިންމައިދީ: އެމްއޭސީއެލް

އާ ސީ ޕްލޭން ޓާމިނަލް: -- ފޮޓޯ: އެމްއޭސީއެލް

ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުގެ ކުރިން އާ ސީޕްލޭން ޓާމިނަލްއާ މެދު އަވަހަށް ގޮތެއް ނިންމައި ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެކުންފުނިން ބުނީ ސީޕްލޭން ޓާމިނަލްއާ މެދު ގޮތެއް ނުނިމި ލަސްވެއްޖެ ނަަމަ ވީއައިއޭގެ އާ ރަންވޭ ބޭނުން ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ބިރުބޮޑު ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެމްއޭސީއެލްގެ ކުރި ޓްވީޓެއްގައި ބުނީ، ސީޕްލޭން ޓާމިނަލްއާ ގުޅޭ ތަހުގީގުތަކަށް އެ ކުންފުނިން ފުރިހަމައަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ތަހުގީގުތަކަށް އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ. އެ ކުންފުނިން ބުނީ، އެއާޕޯޓްގެ ރަންވޭގެ ތޮއްޖެހުމާއި، އެއާލައިންތަކުގެ ހަރަދު ކުޑަކުރުމަށް އާ ރަންވޭ އަވަހަށް ބޭނުން ކުރަން ފަށަން ޖެހޭ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން ފިނޭންސުން ނިންމި މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ޓާމިނަލްގެ މައްްސަލަ ނިންމާފައި ވަނީ ވަކި އޮޕަރޭޓަރަކަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ސީޕްލޭން ޓަރމިނަލް ހިންގުން ހަވާލުކުރުމަށް ނިންމާފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާޢެއް ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލަ އޭސީސީން ތަހުގީގު ކުރުމުން، އެމްއޭސީއެލް ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ވެރިންގެ މަސްލަހަތު ޓީއެމްއޭ އާއި މަންތާގައި އޮތްކަންވެސް ވަނީ ފަޅާ އަރާފައެވެ.

އޭސީސީން ބުނީ ދައުލަތަށް ފައިދާ ވާން އޮތް ކަމެއްގައި، ވަކި ބަޔަކަށް މަންފާވާ ގޮތަށް ނާޖައިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތްކޮށްފައިވާ ކަމާއި އެގޮތަށް ނިންމިއިރު، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި އަދި ކުރިން ތިބި ފަރާތްތަކާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާގަކުރެވިފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްގެ ބޯޑުގެ މިހާރު އަދި ކުރީގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެ ކުންފިތަކުގައި އޮންނަކަން އެނގެއެވެ.

“28 ނޮވެމްބަރު 2017ގައި ބޭއްވި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ސީ ޕްލޭން އޮޕަރޭޓަރުންނަށް އައު ސީ ޕްލޭން ޓަރމިނަލުން ޖާގަ، އަކަމީޓަރެއް މަހަކަށް 10.35$ގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް މަޝްވަރާކުރިއިރު، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާޓްތަކާއި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ސީ ޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ، ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ ޢާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާޓްތަކުގެ މައްސަލަހަތު އެ ކުންފިޔަކުގައި އޮންނަކަން އެނގެއެވެ،”

އޭސީސީން ބުނީ އެހެންކަމުން އެފަރާތްތަކުގެ މަސްލަހަތު އޮންނަ އެފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހައި އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު އެފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *