ޖުޑީޝަލް ޓްރެއިނިން ސެންޓަރު އުވާލުމުން ވަޒީފާ ގެއްލުނު މީހަކަށް އަނބުރާ ވަޒީފާ ދިނުމަށް ހުކުމްކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން އަދި ޑީޖޭއޭ ހިންގަމުން އަންނަ އިމާރާތް --

ޖުޑީޝަލް ޓްރެއިނިން ސެންޓަރު (ޖޭޓީސީ) އުވާލާ އެތަނުގެ އޮނިގަނޑުގައި ހުރި މަގާމުތައް އުވާލުމުން ވަޒީފާ ގެއްލުނު މީހަކަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޔޫސުފް ސައީދު މޫސާ ނަމަކަށް ކިޔާ އެމީހާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމު އަދާ ކުރަމުން ދިޔަ މީހެކެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ގަރާރަކުން ޖުޑީޝަލް އެކެޑަމީއެއް ގާއިމްކުރުމާއި ގުޅިގެން އޭނާ ވަޒީފާ އަދާކުރަމުންދިޔަ ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ވިލިމާލޭގައި ހިންގަމުން ދިޔަ ޖުޑީޝަލް ޓްރެއިނިން ސެންޓަރު (ޖޭޓީސީ) އުވާލައި އެތަނުގެ އޮނިގަނޑުގައި ހުރި މަގާމުތައް އުވާލުމާއި ގުޅިގެން އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާވެސް ގެއްލިގެން ދިޔައެވެ.

އޭނާ ވަނީ އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް އެންގި ދުވަހުން ފެށިގެން އަލުން ވަޒީފާއަށް ނުކުތުމަށް އަންގާ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި، އިނާޔާތްތަކާއި އިތުރުގަޑީގެ ފައިސާ ހޯދުމަށާއި، އަދި އޭނާ ވަޒީފާއަށް ނެރުމަށް އަމުރުކޮށްދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ދައުވާ ކޮށްފައެވެ. ޖޭޓީސީ އުވާލީ 2016ވަނަ އަހަރުގެ މާޗު މަހުގެ 9ވަނަ ދުވަހުއެވެ.

ޔޫސުފް ސައީދު މޫސާ މި މައްސަލަ އެންމެ ފުރަތަމަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމީ އޭނާގެ ވަޒީފާ އަލުން އަނބުރާ އިޔާދަ ކޮށްދެވެން ނެތް ކަމަށެވެ. މި މައްސަލަ ހައިކޯޓުން ބެލުމަށްފަހު ވަނީ ޓްރައިބިއުނަލްގެ ހުކުމް ބާތިލްކޮށްފައެވެ.

އަދި ބުނެފައިވަނީ ޔޫސުފް ސައީދު މޫސާ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއިން ވަކި ކުރެވުނު އިރު ހުރި ވަޒީފާ ގައި އަލުން ބެހެއްޓުމަށާއި ނޫނީ ޔޫސުފް ސަޢީދު މޫސާ ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާގައި ބެހެއްޓެން ނެތްނަމަ، އޭނާ އެދޭނަމަ، އެވަޒީފާއާ ގުޅޭ ނުވަތަ އޭނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށެވެ.

ހައިކޯޓުން ބުނީ އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި ޔޫސުފް ސަޢީދު މޫސާ ވަޒީފާއިން ވަކިކުރި ދުވަހުންފެށިގެން އޭނާގެ ވަޒީފާ އަލުން އަނ ބުރާ އިއާދަކުރެވޭ ދުވަހަކާއި ހަމައަށް، އޭނާ އޭރު ހުރި ވަޒީފާއިން ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން، އެމުއްދަތުގައި އޭނާ އެހެން ވަޒީފާއެއް ނުވަތަ ވަޒީފާ ތަކެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އުނިކުރުމަށްފަހު، އަދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޔޫސުފް ސަޢީދު މޫސާ އަށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ ގޮތުގައި ލިބިދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް ޔޫސުފް ސަޢީދު މޫސާ ގެ ފަރާތުން ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުން، ހިސާބުކޮށް އަންނަ މިންވަރެއްގެ ފައިސާ އޭނާއަށް ދިނުމަށާއި، އޭނާގެ ވަޒީފާ ގެ ކަންތައްތައް ސަރުކާރު ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ވަނީ ހުކުމްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *