ދައުލަތުގެ އިންޓާނަލް އޮޑިޓު ފަންކްޝަނެއް އުފައްދަނީ

ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ -- ފޮޓޯ / މަޖިލިސް

ދައުލަތުގެ އިންޓާނަލް އޮޑިޓު ނިޒާމެއްގެ ގާއިމްކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ހިނގަމުންދާ ޕަބްލިކް ބޭންކް އެކައުންޓާއި، ޕަބްލިކް ފަންޑްތަކާއި، ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްޙަކަން
ކަށަވަރުކުރުމަށާއި، ދައުލަތުގެ އޮފީސްތަކުގެ އެކި ދާއިރާތަކުގައި ހުންނަ "ހިރާސްތައް" ދެނެގަނެ، އޮފީސްތަކުގައި ހުންނަ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތަކާއި، އެހިސާބުތަކާގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަމުން ދަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކްކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަގުސަދުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ އިންޓާނަލް އޮޑިޓް ނިޒާމު ރާވާފައިވާގޮތުން އެ ނިޒާމް ހިންގުމުގެ އެންމެ އިސްފަރާތަކީ ފިނޭންސް މިނިސްޓަރު އައްޔަންކުރާ 7 މެމްބަރުންގެ މައްޗަށް އެކުލަވާލާފައިވާ "ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީ" ކަމަށެވެ. އެ ކޮމެޓީގައި ފިނޭންސް މިނިސްޓްރީގެ ތިން ބޭފުޅުންނާއި، އޮޑިޓާ ޖެނެރަލްގެ އޮފީސް ތަމްސީލުކުރާ ބޭފުޅަކާއި، އެންޓި- ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަމްސީލުކުރާ ބޭފުޅެއްގެ އިތުރުން ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ދެ ބޭފުޅުން ތިއްބަވާނެއެވެ.

އެ ކޮމިޓީގެ މައިގަނޑު ޒިންމާއަކީ، ހާމަކުރުމާއި ޖަވާބުދާރީވުމުގެ ސަގާފަތް ފަތުރާ އަށަގެންނެވުމާއި، އޮފީސްތަކާއި
ކުންފުނިތަކާއި އެނޫންވެސް މުއައްސަސާތަކުގެ ހިންގުމާމެދު އިންޓާނަލް އޮޑިޓް މެދުވެރިކޮށް މިނިވަން ފަރާތެއްގެ ޔަގީންކަން
ހޯދޭނެ މާހައުލެއް ގާއިމް ކުރުމާއި، ރިސްކް ބަލަހައްޓާނެ އެކަށީގެންވާ ސްޓްރެޓަޖީތަކާއި ގޮތްތަކެއް އެކުލަވާލައި ތަންފީޒް
ކުރުމަށް ފިނޭންސް މިނިސްޓަރަށް އެއްބާރުލުން ދިނުމުގެ އިތުރުން، ދައުލަތުގެ އިދާރާތަކާއި، ދައުލަތް ހިއްސާވާ
ކުންފުނިތަކުގައި އިންޓާނަލް އޮޑިޓް ނިޒާމް އެކުލަވާލުމަށް ބޭނުންވާ އެންމެހާ އުސޫލުތަކާއި، ގައިޑްލައިންތަކާއި،
އޮނިގަނޑުތައް ހަދައި ތަންފީޒުކުރުމާއި، ދައުލަތުގެ މަސްއޫލު އޮފީސްތަކާއި ދައުލަތުގެ އޮފީސްތަކާއި ދައުލަތުގެ ވިޔަފާރި ތަންތަނާއި އަދި އެނޫންވެސް ފިނޭންސް މިނިސްޓަރު ކަނޑައަޅާ ތަންތަނުގެ އިންޓާނަލް އޮޑިޓަށް ބޭނުންވާ ސްޓްރެޓެޖިކް އަދި ފަންނީ އިރުޝާދު ދީ އިންޓާނަލް އޮޑިޓް ހަރަކާތްތައް ހިނގާ ނުހިނގާ ގޮތް ބެލުމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *