އެމްޑީޕީ ކައުންސިލް އިންތިހާބު ޕޯސްޓަރު ހަރު ކުރުމަށް ރައީސް ސޯލިހާއި ނަޝީދު

ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ހަފްލާއެއްގައި -- ފޮޓޯ / ރައީސް އޮފީސް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތައް ހަރު ކުރުމަށް ބާއްވާ ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ރޭ ބުނީ އެ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 9:00ގައި ކަމަށެވެ. އެ ހަރަކާތް ހަމަ އެ ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. މާލޭގައި މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ މައި ހަރުގެއިން ކަމަށެވެ.

އެމްޑީޕީން ބުނީ މި ހަރަކާތް މާލޭގައި ފެށިގެން ކުރިޔަށް ދާނީ ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ހެނދުނުގެ ސައިފޮދަކުން ކަމަށެވެ. އަދި ސައިފޮދަށް ފަހު ދެރައީސުން އެޕާޓީގެ ހަރުގޭގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރުން ފައްޓަވައިދެއްވާނެއެވެ. އަދި މާލޭގެ އެކި ސަރަހައްދުގައި ޕޯސްޓަރު ހަރުކުރުން 10:00ގައި ފައްޓަވާދެއްވުމާއި އެކީގައި މުޅިރާއްޖޭގައި މިހަރަކާތް އެއްފަހަރާ ކުރިޔަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އެންމެ ފުރަތަމަ ބޭއްވި އެމްޑީޕީން މާދަމާ މި ހަރަކާތް ފެށުމުން މިކަން ވެގެން ދާނީ ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީއަކުން ކުރިޔަށް ގެންދާ ފުރަތަމަ ކެމްޕެއިން ހަރަކާތަށެވެ.

އެމްޑީޕީން ބުނީ މިހަރަކާތް މެންދުރު 12:00 އިން 2:00އަށް މެދުކަނޑާލުމަށްފަހު، މެންދުރު 2:00 އިން އިރުއޮއްސި 6:00އަށް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ސިޓީތަކުން ޖުމްލަ 980 ކައުންސިލަރުން މި އިންތިހާބުގައި އިންތިހާބު ކުރާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *