ސިވިލް ކޯޓާއި ފެމެލީ ކޯޓު އަދި ޖުވެނިއަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރަނީ

ކޯޓު ކޮމްޕްލެކްސް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / ޑީޖޭއޭ

ސިވިލް ކޯޓާއި ފެމެލީ ކޯޓު އަދި ޖުވެނިއަލް ކޯޓު ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

މި ތިން ކޯޓު ހުޅުމާލެއަށް ބަދަލު ކުރަނީ ހުޅުމާލޭގައި ގާއިމްކުރާ 10 ބުރީގެ "ކޯޓު ކޮމްޕްލެކްސް"ގެ ފުރަތަމަ ފިޔަވަހީގެ ދަށުންނެވެ. އެގޮތުން މިއަދު ވަނީ ހުޅުމާލޭގައި ޝަރުއީ ކޯޓު ކޮމްޕްލެކްސްއެއް އަޅަން ލިބުނު ބިން އެޗްޑީސީއާ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގައި ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ.

މި އިމާރާތް އަޅަނީ ހުޅުމާލެ ސެންޓަރަލް ޕާކު ސަރަހައްދުގައެވެ. އެ ސަރަހައްދަކީ 37،000 އަކަފޫޓުގެ ބިމެކެވެ.

މި މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް ޑީޖޭއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައި ދެއްވުމަށް ހަމަޖެހިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އަވަހަށް މައްސަލަތައް ނިންމުމުގައި ކޯޓުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމެވެ. މިދިޔަ އަހަރު ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައިވެސް ޑީޖޭއޭއިން ވަނީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އާ ކޮމްޕްލެކްސް ގާއިމް ކުރުމާ އެކު، 95 ޕަސެންޓް މައްސަލަތައް އެއް އަހަރުގެ ތެރޭގައި ނިންމުމަކީ ޑީޖޭއޭގެ އަމާޒެކެވެ.

Leave a Reply

Your email address will not be published. Required fields are marked *