ޓާމިނަލް މައްސަލާގައި ނަޝީދުގެ ބަސް: ދެފަރާތް އެއްބަސްވާ ގޮތަކަށް ނިންމާ!

އާ ސީ ޕްލޭން ޓާމިނަލް: -- ފޮޓޯ: އެމްއޭސީއެލް

ދިވެހި ސަރުކާރާއި، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަށް، އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓް ބާރަށް ހިނގަން ފެށުމުން ދިވެހި ސަރުކާރާއި ޓީއެމްއޭއަށް އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމު ކަމަށެވެ. އަދި ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައި ވާނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޓީއެމްއޭއާއި އެކުންފުނީގެ މައިގަނޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލް ކުންފުނިން ވަނީ ސީޕްލޭން ޓާމިނަލްގެ މައްސަލައާ މެދު އެފަރާތުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ޓީއެމްއޭގެ ކަންބޮޑުވުންތައް ހިއްސާކުރަމުން އެ ފަރާތުން ބުނީ، ޓާމިނަލްގެ މައްސަލައިގައި އެމްއޭސީއެލްއާ ކުރި މަޝްވަރާތަކުގައި ވަރަށް ބޮޑަށް ދޫދީފައިވާނެ ކަމަށެވެ. އަދި ޓީއެމްއޭއިން އެދޭ ހަމައެކަނި ކަމަކީ އެމްއޭސީއެލްއިން ހުށަހެޅި އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށް، އެ ކުންފުންޏަށް ހައްގު މިންވަރު ދިނުމަށް ކަމަށް ޓީއެމްއޭއިން ބުނެއެވެ.

ޓީއެމްއޭގެ މައިގަނޑު ކަންބޮޑުވުން ފާހަގަކުރައްވަމުން ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ، 2017 ވަނަ އަހަރު އެމްއޭސީއެލްއިން އެކުންފުންޏަށް ހުށަހެޅި އެއްބަސްވުމާއި ދެމުން އައި ޔަގީންކަމާ ހިލާފަށް މިހާރު ވަނީ ޓާމިނަލުން ޖާގަ ދީފައި ކަމަށެވެ. އެގޮތުން އެމްއޭސީއެލުން އޭރު އެއްބަސްވުން ފޮނުވި އިރު އޭގައިވަނީ އާ ޓާމިނަލުން އަކަމީޓަރަކަށް 15 ރުފިޔާގެ ރޭޓުން ޖުމްލަ 19،000 އަކަމީޓަރު 15 އަހަރުގެ މުއްދަތަކަށް ދިނުމަށް ކަމަށް ފައުޒީ ވިދާޅުވިއެވެ.

އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާމިނަލަކީ 26 މިލިއަން ޑޮލަރު ހަރަދުކުރެވިގެން އިމާރާތްކުރެވޭ ތަނެކެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވޭނެ ކަމަށް އެމްއޭސީލުން ބުނާ އާ ސީޕްލޭން ޓާމިނަލަކީ 28،000 އަކަ މީޓަރުގެ ސީޕްލޭން ޓާމިނަލެކެވެ. 1 ފަންގިފިލާގެ 120 އަކަމީޓަރުގެ ވީއައިޕީ އިމާރާތެއް މި ސީ ޕްލޭން ޓާމިނަލްގައި ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *