މީހަކު ނެތް ބޯޓެއް އޮޔާދަނީ

ކ. ގިރާވަރުގެ އުތުރު ކަނޑުން "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ.

އެއްވެސް މީހެއް ނެތި މި ބޯޓު އޮޔާދާކަމުގެ މައުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރުއެވެ. އެމްއާރުސީސީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓް އޮޔާދަނީ ކ.ގިރާވަރު ކަނޑުން ހުޅަނގަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓަކީ ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. އަދި އެ ބޯޓު އޮޔާދާތީ، ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި، އެ ސަރަހައްދު މޮނީޓާ ކުރުމަށް ޓަކައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް ވެސް އެސަރަހައްދަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

ދާދިފަހުން ވަނީ އެއް ނަގިއްޔެއްގައި އަޅާފައި އޮތް ދެ ބޯޓެއްގެ ނަގިލި ކަނޑައިގެން ދިއުމުގެ ހާދިސާއެއްވެސް ހިނގާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.