ބޮޑު ހިޔާނާތަށް ގޮތެއް ނިންމަން ބޭނުން، ތަހުގީގު އަވަސް ކޮށްދީ: ޕީޖީ ޝަމީމް

ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް --

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އެއް ހިޔާނާތް ކަމަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަވަހަށް ގޮތެއް ނިންމަން ބޭނުންވާ ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ތަހުގީގު އަވަހަށް ނިންމައި ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެދިވަޑައިގެންފިއެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގު ވަރަށް ބާރަށް ދިއުމަށްފަހު މިހާރު އެ މައްސަލައަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ނިމި ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ކޮމިޝަނުން ވަނީ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓެއްވެސް އެކުލަވާލާފައެވެ.

އެކަމާއި ގުޅިގެން ޕީޖީ ވިދާޅުވީ އެ ލިސްޓު އެގޮތުގައި ނޯވެ އެކަމަށް ގޮތެއް ނިންމަން ބޭނުންވާ ކަމަށެވެ. އެގޮތުން ދައުވާ ކުރަންޏާ ދައުވާ ކުރުމަށް ނުވަތަ ދައުވާ ނުކުރަންޏާ ދައުވާ ނުކުރުމަށް ނިންމަން ބޭނުންވާ ކަމަށެވެ. މީހުންގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައިގެން ދެމެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ބުނީ ހިޔާނާތުގެ ފައިސާ ލބުނު މީހުންގެ ތެރޭގައި މިހާރުވެސް ސަރުކާރުގައި ތިބި ބޭފުޅުން ތިއްބެވި ކަމަށެވެ. އަދި ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރަކު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ނަންތައްވެސް އެ ލިސްޓުގައި ހިމެނެއެވެ.

"އެ މީހުންގެ މައްޗަށް ތުހުމަތު އުފެދޭ ގޮތައް ބާއްވައިގެން ކުރިޔަށް ގެންދިޔައީމަ މުޅި ނިޒާމާ ދޭތެރޭގައި އިތުބާރު ގެއްލޭ ގޮތް އެބަވޭ އެހެންވެ އެކަން އެބަ އަވަސް ކުރަން ޖެހޭ ކުރިޔަށް އޮތްތަނުގައި އެއްގޮތަކަށް ނިންމާނަން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލާގައި މަޝްވަރާ ކުރަންޖެހޭ އިދާރާތަކާއި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ މައްސަލަ ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.