ބާޣީ ލުތުފީ ފިލި މައްސަލާގައި ދައުވާ ކޮށްފި

ލުތުފީ އެނބުރި ރާއްޖެ ގެނައިރޭ އެއާޕޯޓު ތެރޭގައި -- ފޮޓޯ / ޕީއެސްއެމް

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ލުތުފީ ޖަލަށް ލާފައި ވަނީ އުމުރު ދުވަހަށެވެ. އެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ 2010ވަނަ އަހަރު ލުތުފީ އަވަށްޓެރި ސްރީ ލަންކާއަށް ވަނީ ގޮސްފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ލުތުފީ އަނބުރާ ރާއްޖެއައީ އޭގެ 9 އަހަރުފަހުންނެވެ.

އޭނާ އެނބުރި ރާއްޖެ އައުމަށް އެހީއަށް އެދުނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. އޭނާ އެހީއަށް އެދުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮންގޮއްވި ހާދިސާއާއި ގުޅިގެންނެވެ. އެ މައްސަލާގައި ސަރުކާރަށް ޕްރެޝަރު ބޮޑުވިއެވެ. އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައާ އެކި ޕްލެޓުފޯމްތަކުގައި ސަރުކާރަށް ދިޔައީ ފާޑު ކިޔަމުންނެވެ. އެހެންކަމުން ސަރުކާރުން ލުތުފީ އަނބުރާ ރާއްޖެ ގެނެއެވެ.

މިއަދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ލުތުފީގެ މައްސަލަ ލިބިފައިވާ ކަމަށާއި މިހާރު ވަނީ ދައުވާ ކުރަން ވެސް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަފްސީލް ފަހުން އަރުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުން ލުތުފީ އަނބުރާ ރާއްޖެ ގެނައިއިރު، މާލެ ގެނައި ގޮތަށް ފުލުހުން ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.