ސައުދީން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ސައުދީން އަރަބިއްޔާގެ ސަރުކާރުން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޭން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އޮން އެރައިވަލް ވިސާގެ ހިދުމަތް ފެށުމާއެކު ދިވެހިން ސައުދީ އަށް ދަތުރު ފެށުމުގެ ކުރިން އޮންލައިންކޮށް އީ ވިސާ އަށް އެޕްލައި ކުރުމުގެ ފުރުސަތު ނުވަތަ ވިސާއާ ނުލައި ސައުދީ އަށް ދަތުރުކޮށް އެއާޕޯޓުން ވިސާ އަށް އެދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

މި ވިސާގައި ސިންގަލް އެންޓީރީއެއްނަމަ އެއް މަސް ދުވަހުގެ މުއްދަތަށް ސައުދީގައި ހުރެވޭނެ ކަމަށާއި އަދި މަލްޓިޕަލް އެންޓްރީކޮށް އެއް އަހަރު ދުވަހުގެ ވިސާއެއް ނަގައިފިނަމަ އެ އަހަރުގެ ތެރޭގައި ސައުދީގައި ޖުމްލަ 90 ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އަދި މި ބަދަލުގެ ސަބަބުން ވިސާ ފީ އަށް ދައްކަންޖެހޭ އަދަދު ލުއިވެގެންދާނެކަން ފާހަގަކުރައްވަމުން ޝާހިދު ވަނީ އުމްރާގެ އަޅުމަކާއި ފަތުރުވެރިކަމުގެ ބޭނުންތަކުގައި ސައުދީއަށް ދާ ދިވެހިން ވިސާނަގަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

“އޮން-އެރައިވަލް ވިސާ ނަގަން ފެށޭނެ ތާރީހު ސައުދީ ސަރުކާރުން ލަހެއް ނުވެ އިއުލާން ކުރާނެކަން ވަނީ އަންގަވާފައި” ޝާހިދު ވިދާޅުވިއެވެ.

މިހާތަނަށް ސައުދީން އޮން-އެރައިވަލް ވިސާ ލިބޭ ގޮތަށް ކެޓެގަރީ “އޭ” ގެ ގޮތުގައި ހަމަޖައްސާފައިވަނީ 49 ގައުމު ކަމަށާއި މި ކެޓެގަރީގައި ރާއްޖެ ހިމެނުމާއެކު ރާއްޖެ ވެގެންދާނީ އޭޝިއާ ބައްރުން ސައުދީ އޮން-އެރައިވަލް ވިސާ ލިބޭ އަށްވަނަ ގައުމަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މީގެއިތުރުން ދެކުނު އޭޝިއާ އިން ވެސް މި ފުރުސަތު ލިބޭ ހަމައެކަނި ގައުމަކީ ވެސް ރާއްޖެކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.