އަދުހަމް ކުށަށް އިއުތިރާފުވެއްޖެ، ހުކުމް އަންނަ އަންގާރަ ދުވަހު

ގާސިމް މަރާލި އަދހަމް/ ފޮޓޯ: ހަތާވީސް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލު އަދުހަމް މުހައްމަދު ގާސިމް މަރާލި ކަމަށް ޝަރީއަތުގައި މިއަދު އިއުތިރާފުވެ، ގާސިމްގެ ވާރިސުންގެ ކިބައިން އެކަމަށް މައާފަށް އެދިއްޖެއެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އިން ވަނީ އަދުހަމްއާ އެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާފައެވެ.

ކުށުގެ އިއުތިރާފު އެއްބަސްވުމެއް ދައުލަތުން އެކުލަވާލާފައިވީ ނަމަވެސް، ވާރިސުން މި މައްސަލާގައި މަރަށް މަރު ހިފަން ބޭނުންވާ ކަމަށްވާ ނަމަ އަންނާނީ މަރުގެ އަދަބެކެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށެވެ. އަދި އެ ކުށަށް އެއްބަސްވަނީ މަޖުބޫރު ކަމެއް ނެތި ކަމަށްވެސް އަދުހަމް ބުންޏެވެ.

އަދުހަމް ބުނީ އޭނާއަށް އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި ނަމަވެސް ފަހުން ކުރެވުނު ކަމާ ދެރަވެ، ތައުބާވެ ނަމާދު ވެސް ކުރި ކަމަށް އަދުހަމް ބުންޏެވެ.

އަދުހަމް ކުށަށް އިއުތިރާފްވުމާ ގުޅިގެން ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ފަސް ދުވަސް ފަހުން މިމައްސަލައިގައި ޝަރީއަތުގެ މަޖިލިސް ބާއްވާ ހުކުމް ކުރާނެ ކަމަށް އިއުލާންކުރެއްވުމަށްފަހުއެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ 9:06 އެހާކަންހާއިރު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައި ވަނީ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.