ވާރިސުން މައާފު ކޮށްފިނަމަ އަދުހަމް ޖަލު ހުކުމް ލުއިވާނެ: ޕީޖީ

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ފޮޓޯ / ސަން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި އޭނާގެ ގާތިލް އަދުހަމް މުހައްމަދު ކޯޓުގައި ގާސިމް މަރާލި ކަމަށް އިއުތިރާފު ވެއްޖެ ނަމަ އަދުހަމްގެ މައްޗަށް އަންނާނީ ލުއި ޖަލު ހުކުމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މައުލޫމަތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، އަދުހަމްއާ އެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާ ކުށަށް އިއުތިރާފުވެއްޖެ ނަމަ އަންނާނީ 17އަހަރާއި ހަމަސް ދުވަހުގެ ޖަލުގެ ހުކުމެއް ކަމަށެވެ.

އެހެންނަމަވެސް އެއްވެސް މަރުހަލާއެއްގައި ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވެއްޖެ ނަމަ އަންނާނީ މަރުގެ ހުކުމެއް ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ. ޝަމީމް ވިދާޅުވީ އެއީ ކޮންމެ މަރުހަލާއެއްގައިވިއަސް އެކަން އޮންނާނެ ގޮތް ކަމަށެވެ. އ

"އެއްވެސް މަރުހަލާއެއްގައި. އެއީ ކްރިމިނަލް ކޯޓުގެ މަރުހަލާގައިވެސް ހައި ކޯޓުގެ މަރުހަލާގައިވެސް ސުޕްރީމްކޯޓުގެ މަރުހަލާކަމަށް ވިޔަސް ވާރިސުން މަރުގެ އަދަބު ދޭން ކަމަށް ބޭނުން ނަމަ ހަމަ އެގޮތަށް ކުރިއަށް ދާނީ،" ޝަމީމް ވިދާޅުވިއެވެ.

ޕީޖީން ވަނީ އަދުހަމްއާ އެކުގައި އިއުތިރާފު އެއްބަސްވުމެއް ހަދާފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޝަމީމް ވިދާޅުވީ ޝަމީމް ވިދާޅުވީ، އަދުހަމްއާއެކު އިއުތިރާފުވުމުގެ އެއްބަސްވުމެއް ހެދި ނަމަވެސް އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި އަދުހަމްއާ އެކުގައި އިއުތިރާފު އެއްބަސްވުމެއް ހެދުމުގެ ސަބަބުން އެތައް ހަރަދަކާއި ވަގުތެއް ސަލާމަތްވާ ކަމަށެވެ.

ޑްރައިވަރު ގާސިމް މަރާލި މައްސަލައިގެ ޝަރީއަތް މިއަދު ފަށާފައިވާއިރު އަދުހަމް ވަނީ މައްސަލައަށް އިއުތިރާފުވެފައެވެ. އެހެންކަމުން އަންނަ އަންގާރަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވުމަށް މިހާރު ވަނީ ނިންމާފައެވެ. ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *