ކުންފުނިތަކަށް ބަދަލު ދެނީ ބަޖެޓު ކޮށްގެން: ފިނޭންސް މިނިސްޓަރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖލިސް ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ / މަޖިލިސް

ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދެމުން އަންނަ ފައިސާއެއް ދެމުން އަންނަނީ ބަޖެޓު ކުރެވިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާ މިނިސްޓަރު އަމީރު ވިދާޅުވީ ބަދަލު ދޭންޖެހެނީ ކުރީގެ ސަރުކާރުން ކަން ކޮށްފައި އޮންނަ ގޮތުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ބޭއިންސާފުން ބައެއް ފަރާތްތަކަށް ކޮށްފައިވާ ކަންކަމަށް އިންސާފު ހޯދުމުގެ ގޮތުންވެސް އެތައް ބަޔަކު ސަރުކާރުގައި އެދެމުން އަންނަ ކަމަށާއި އެކަމަށްވެސް ސަރުކާރުން ހައްލު ތަކެއް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ބަދަލު ދެނީ ބަޖެޓު ކޮށްގެން ކަމަށާއި އެގޮތުން މިއަހަރަށް ބަދަލުގެ ގޮތުގައި ދިނުމަށް 100 މިލިއަނެއްހާ ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ. މި ސަރުކާރުން، ބަދަލު ދޭން ޖެހޭ ހާލަތުގައި އެކަން ކުރަނީ ބަޖެޓްގެ ބޭރުން ނޫން ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑި އަށް ބަދަލު ދިނީ އާބިޓްރޭޝަންގައި އޮތް މައްސަލައިގައި ސަރުކާރުގެ ދިފާއު ބަލިކަށިވުމުން އެ މައްސަލަ ސަރުކާރު ކޮޅަށް ނިންމޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުން ކަމަށެވެ. އަދި ކޯޓުން ބޭރުން މައްސަލަ ނުނިންމި ނަމަ، ދައުލަތުން 200 މިލިއަނެއްހާ ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ލޯޔަރުންގެ ލަފަޔާއި އެސެސްމަންޓްތަކުން ދެއްކި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނޫމަޑީގެ އެގްރިމަންޓް ރައީސް ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި އެ ކުންފުނިން ބަދަލު ހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ބަދަލެއްގެ ގޮތުގައި ހޯދަން އެ ކުންފުނިން ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *