ވައިރަހާއި ގުޅިގެން އިގްތިސޯދު ދަށްވާނެ، އަސަރު ފެންނާނީ ފަހުން

ކޮރޯނާވައިރަސް އާއި ގުޅިގެން ރާއްޖޭގެ އާމްދަނީ ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ވައިރަހާ ގުޅިގެން ރާއްޖެއާއި މުޅި ދުނިޔޭގެ ގައުމުތަކަށް އިގްތިސާދީ ގޮތުން އަސަރުކުރާނެ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އާމްދަނީ ކޮންމެވެސް ވަރަކަށް ދަށްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ދަށްވާ މިންވަރު ފެންނަން ފަށާނީ ދެތިން ހަތަރު މަސް ފަހުން ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އާމްދަނީ ދަށްވި ނަމަވެސް މިއަހަރަށް ރޭވިފައި ހުރި އެއްވެސް ޕަބްލިކް ސެކްޓަރ މަޝްރޫއުއެއް ހުއްޓާލުމަށް ނިންމާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަޖެޓުގައި ރޭވިފައި ހުރި ގޮތަށް މަޝްރޫއުތައް ކުރިއަށްދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީގެ އެއްވެސް މަޝްރޫއުއެއް ހުއްޓާލުމަށް ވިސްނާފައި ނުވާނެ ކަމަށެވެ.

"މިހާތަނަށް ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ޕަބްލިކް ސާވިސް އިންވެސްޓްމަންޓް އެއްވެސް ވަރަކަށް ހުއްޓާލުމަށް އެކަހަލަ އެއްވެސް ކަހަލަ ވިސްނުމެއް ނެތް. އިރާދަކުރެއްވިއްޔާ ބަޖެޓްގައި ހިމެނިފައިވާ ގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ވައިރަހާ ގުޅިގެން ޗައިނާ އިން މީހުން ރާއްޖެ އަށް އައުމާއި އަދި ޗައިނާ އިން ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ. ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *