ނޫމަޑި މައްސަލާގައި ފިނޭންސް މިނިސްޓަރާއި ސުވާލު ކުރުން މާދަމާ

ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ -- ފޮޓޯ / މަޖިލިސް

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުން އެކަމުގެ ބަދަލު ހޯދަން އާބިޓްރޭޝަނަށް ގޮސް އެ މައްސަލަ އާބިޓްރޭޝަނުން ނުނިމި ވަނިކޮށް އެކުންފުންޏަށް ފައިސާ ދިން މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި މާދަމާގެ މަޖިލީހުން ސުވާލު ކުރުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލާގައި ފިނޭންސް މިނިސްޓަރާއި ސުވާލު ކުރައްވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. މި މައްސަލައާ ގުޅިގެން ޖާބިރުގެ ވަނީ ފިނޭންސް މިނިސްޓަރަށް ތިން ސުވާލެއް ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފިނޭންސް މިނިސްޓަރާއި ޖާބިރު ކުރައްވާ ސުވާލުތަކަކީ ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސީޒް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ ނެދަލޭންޑްސްގެ ދަ ހޭގަންގައި ހުންނަ ޕާމަނަންޓް ކޯޓު އޮފް އާބިޓްރޭޝަނުން ގޮތަކަށް ނުނިމެނީސް، ދިވެހިރައްޔިތުންގެ ފައިސާއިން އެތައް މިލިޔަން ޑޮލަރު (ބަދަލުގެ ގޮތުގައި) ދިނީ ކޮން ގާނޫނީ ހައިސިއްޔަތަކުންތޯއާ އަދި އާބިޓްރޭޝަނުން ނިންމާނީ ބަދަލުދޭންޖެހޭ ގޮތަށްކަން ފިނޭންސް މިނިސްޓަރު އަމީރަށް އެނގިވަޑައިގަތީ ކޮންގޮތަކުންތޯއާ އާބިޓްރޭޝަނުން ނުނިމެނީސް ނޫމަޑި ކުންފުންޏަށް ބަދަލުގެ ގޮތުގައި ކިހާ ފައިސާއެއް ދައުލަތުން ދިންތޯއެވެ.

މާދަމާގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމާފައިވާއިރު ދާދިފަހުން މަޖިލީހުން ވަނީ ނޫމަޑި މައްސަލާގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމަށް ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން ނޫމަޑިއާ ހަވާލުކޮށް، ނުނިމި ހުރި މަސައްކަތުގެ ތެރެއިން ހަތަރު ރަށެއްގެ މަސައްކަތްތަކެއް އަލުން ފެށުމަށްޓަކައި ބީލަމަށް ވަނީ ލާފައެވެ.

ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލާފައިވަނީ ނޫމަޑީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށީގައި އަޅާ ޔުނިޓުތަކަކާއި ދެވަނަ ފިޔަވަހީގެ ދަށުން ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު އަދި ތ. ވިލުފުށީގައި އަޅާ ހައުސިންގް ޔުނިޓުތައް ކަމަށެވެ.

ހައުސިންގް މިނިސްޓްރީން ބުނީ ހދ. ކުޅުދުއްފުށީގައި ބީލަމަށް ހުޅުވާލީ ނޫމަޑީގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވާ 140 ޔުނިޓުގެ ތެރެއިން ނުނިމި ހުރި 100 ޔުނިޓާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެރަށުގައި އިމާރާތްކުރަން ފެށި 25 ޔުނިޓުގެ ތެރެއިން ނުނިމި ހުރި ފަސް ޔުނިޓުގެ މަސައްކަތްތަށް ކަމަށެވެ.

ނޫމަޑީގެ ދެވަނަ ފިޔަވަހީގެ ދަށުން ހދ. ހަނިމާދޫގައި އަޅާ 100 ހައުސިންގް ޔުނިޓުގެ މަސައްކަތްވެސް ނިންމުމަށް ބީލަމަށް ހުޅުވާލާފައިވާ އިރު، މީގެ ތެރެއިން 54 ޔުނިޓުގެ ކޮންކްރީޓު ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ނޫމަޑީގެ ދެވަނަ ފިޔަވަހީގެ ދަށުން ހދ. ނޮޅިވަރަންފަރުގައި 100 ހައުސިންގް ޔުނިޓު، އަދި ތ. ވިލުފުށީގައި 100 ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތްވެސް ބީލަމަށް ހުޅުވަލާފައިވެ އެވެ. މި ދެ ރަށުގެ ތެރެއިން ތ. ވިލުފުށީގެ 100 ޔުނިޓުގެ ތެރެއިން 64 ޔުނިޓެއްގެ ކޮންކްރީޓު މަސައްކަތް އޮތީ، މަޝްރޫއު ޓާމިނޭޓު ކުރެވުނު އިރު ފަށާފައި ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީއާއި ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި ހަދާ ހައުސިންގް ޔުނިޓުތަކުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ މާޗުމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

ތ. ވިލުފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން އަޅާ ހައުސިންގް ޔުނިޓުތަކުގެ މަސައްކަތަށް ބީލަން ހުށަހަޅަން ހުޅުވާލާފައިވަނީ މާޗު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

Leave a Reply

Your email address will not be published. Required fields are marked *