ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް ހައުސިންގް ޑިވަލޮމްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިކަމާއި ގުޅިގެން ބަޔާން ނެރެފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވުމާއި ގުޅިގެން ނެވެ. އެޗްޑީސީ އިން ނެރނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެއިން ބިން ވިއްކުމާއިމެދު އެކޯޕަރޭޝަންގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.
އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން މާސްޓަރ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުންދާ ރަށެއްކަމުގައިވާއިރު، މި މާސްޓަރ ޕްލޭން ފަރުމާކުރެވިފައިވަނީ އެކި ބޭނުންތަކަށް ހާއްސަކުރެވިގެން ކަމަށެވެ.
އެގޮތުން ރެސިޑެންޝަލް، ކޮމަރޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް މި މާސްޓަރ ޕްލޭންގައި ޖާގަދެވިފައިވާކަމަށާއި، އެންމެ ބޮޑު ޙިއްސާއެއް ހާއްސަކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއިއެކު އެކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގް ފޯރުކޮށްދިނުމަށްޓަކައި ތަޢާރަފްކުރެވޭ މަޝްރޫޢުތަކެއް ކަމަށެވެ.
މީގެއިތުރުން އެޗްޑީސީން ބުނީ ވެށިފެހި ޕްރޮގްރާމުގެ ދަށުން މާލެއިން ލިބިފައިވާ ބިންކުޅޮގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލެބޭނެކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ ފަރާތްތަކަށް މިއަހަރު ހުޅުމަލެއިން ގޯތި ދޫކުރެވޭނެ ކަމަށެވެ.
އެޗްޑީސީއިން ބުނީ މިއަހަރު ތެރޭގަިއ ހައްގު ފަރާތްތަކަށް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކޯޕަރޭޝަނުން މިހާރު ކުރަމުންދާކަމަށެވެ.