ކައުންސިލް އިންތިހާބު ކުރިޔަށް ގެންދަން ބޭނުމީ "މޮޅުވާ" ގޮތަށް: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ / އެމްޑީޕީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީގެ ކެމްޕެއިން ކުރިޔަށް ގެންދަން ބޭނުންވަނީ "މޮޅުވާ" ގޮތަށް ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ކައުންސިލް އިންތިހާބުގެ ކެމްޕެއިން މަސައްކަތް ޕާޓީން ކުރިޔަށް ގެންދަންވި ގޮތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މިހާތަނަށް އެމްޑީޕީން ކުރިޔަށް ގެންގޮސްފައިވާ އެހެން އިންތިހާބުތަކެކޭ އެއްފަދައިން ކައުންސިލް އިންތިހާބުގެ ކެމްޕެއިންވެސް އެޕާޓީން ކުރިޔަށް ގެންދަން ބޭނުންވަނީ މޮޅުވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މޮޅުވުމަށް މައިގަނޑު ދެ ކަމެއް އެބަ ކުރާންޖެހޭ. އެހެން އިންތިހާބުތަކާއި އެހެން ކެމްޕެއިންތަކާއި ހިލާފަށް މިހާރު ޕާޓީއަށް ފެންނަ ގޮތުގައި ކައުންސިލްތައް ހިނގަމުންދާ ތަނާއި އަދި ހިނގާ ގޮތް ހަމަ މިހާރު މިވަގުތު ރައްޔިތުންނަށް އެބަ ފެންނާންޖެހޭ. ރައްޔިތުންނަށް އެބަ އެނގެންޖެހޭ ކޮން ކަމެެއް ކުރާންތޯ އަޅުގަނޑުމެން މި ނިކުންނަނީ އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ ބަޔަކު އިންތިހާބު މިކުރަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެހާސް އެގާރަވަނަ އަހަރުން ފެށިގެން ކައުންސިލްތައް ހިނގަމުން އަންނަ ކަމަށާއި އެހެންނަމަވެސް މިދިޔަ ފަސް އަހަރު ދުވަހު ކައުންސިލްތައް ހިނގަމުން އަންނަ ގޮތް ރައްޔިތުންނަށް އެހާ ސާފުކޮށް ނޭނގޭ ކަމަށެވެ. އެގޮތުން ނަޝީދު ވިދާޅުވީ ކައުންސިލުތަކުގެ ބައްދަލުވުން ކޮންމެ ހަފްތާއަކު ތިން ދުވަހު ބާއްވާ އޭގެތެރެއިން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ އެޖެންޑާވެސް ކުރިން ހިއްސާ ކުރެވި އަދި އާއްމުންނަށް ބައްދަލުވުންތައް ހުޅުވާލަންވާނެ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކަށް ރައްޔިތުން ހުށަހަޅާ ކަންކަންވެސް ކައުންސިލް ބައްދަލުވުންތަކަށް ހުށަހަޅާ އެކަންކަމާއި މެދުވެސް ގޮތްތަކެއް ނިންމުމަށް މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ.

"އަދި ކައުންސިލްތަކަށް ރައްޔިތުންނަށް ސީދާ އާދެވި، ތަޅުމުގައި ކަންކަން ހުށަހެޅި ކަންކަމަށް ގޮތެއް ނިންމި އެކަން ނިމިގެން ދާތަން ރައްޔިތުންނަށް ސާފުކޮށް އެނގުން. މިފަހަރު ކައުންސިލްތައް ވަރަށް ތަފާތު، ވަރަށް ބޮޑު ބަޖެޓެއް ކައުންސިލްތަކަށް މިވަނީ ލިބިފައި ލާމަރުކަޒީ ގާނޫނު އެވަނީ ކައުންސިލްތަކަށް އިތުރު އެތައް ބާރުތަކެއް ދީފައި. އެ ބާރުތަކާއި ބަޖެޓާއި އެކީގައި ކައުންސިލްތައް ހިންގަން ފެށޭނެ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ އެޕާޓީގެ ޕްރައިމަރީ ބާއްވާ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ފައިނަލް ކޮށްފައެވެ. އަދި އެޕާޓީން ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *