ވަޒީފާއާއި ބެހޭ ގާނޫނުގެ ބިލް އަލުން މުރާޖައާ ކުރުމަށް ގޮވާލައިފި

އާދަމް ޝަރީފް އުމަރް/ ފޮޓޯ: ޕީއެންސީ

ވަޒީފާއާއި ބެހޭ ގާނޫނުގެ ބިލް އަލުން މުރާޖައާކުރުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރް ގޮވާލައިފިއެވެ.

އާދަމް ޝަރީފް މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މުވައްޒަފުންނަށް އިތުރު ނިކަމެތިކަމާއި ގިނަ ގުނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ. އެހެން ވިދާޅުވެ އާދަމް ޝަރީފްވަނީ، އެ ބިލް އަލުން މުރާޖައާކުރުމަށް އެދި ސަރުކާރަށް ގޮވާލާފައެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ވަޒީފާއާއި ބެހޭ ގާނޫނުގެ ބިލަށް ސަރުކާރުން ގެނައި އިސްލާހުގައި ސާވިސް ޗާޖުދިނުމަށް ލާޒިމްކޮށްފައި ވެއެވެ. އެގޮތުން ވަޒީފާ ދޭ ފަރާތަަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާނަމަ ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ވަޒީފާދޭ ފަރާތުގެ ހުރިހާ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހަން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށްވަނީ ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި އިސްލާހުގައި ބުނީ ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން މުވައްޒަފުންގެ މެދުގައި ބަހާ ނިންމަންވާނެ ކަމަށެވެ. ސާވިސް ޗާޖު ދިނުމުގައި ވަޒީފާ ދޭ ފަރާތުގެ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް އިސްތިސްނާ ކުރެވިދާނެ ކަމަށް ބިލުގައިވެއެވެ.

ސާވިސް ޗާޖު ދިނުމުގައި ބަލަންޖެހޭނީ މުވައްޒަފުން މަސައްކަތް ކުރި ވަގުތަށެވެ. އެގޮތުން މުވައްޒަފުން މަސައްކަތް ކުރި ވަގުތަށް ހައްގުވާ މިންވަރުގެ ސާވިސް ޗާޖެއް މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށް ބިލުގައިވެއެވެ.

ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން އިދާރީ ފީގެ ގޮތުގައި އެއް ޕަސެންޓް ނެގިދާނެއެވެ. އަދި އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާ ދޭ ފަރާތުން ނަގައިގެން ނުވާނެ ކަމަށް މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުންވެސް އިއްވާފައިވާ މި ބިލުގައިވެއެވެ.

ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޭ މިންވަރު ވަޒީފާ ދޭ ފަރާތުން ގަވާއިދުން ބަލަހައްޓަންޖެހޭއިރު ކޮންމެ އަހަރަކު އެއް ފަހަރު އެ މައުލޫމާތު ލޭބާ ރިލޭޝަން އޮތޯރިޓީއަށް ހިއްސާ ކުރަންޖެހެއެވެ. އަދި އެ އޮތޯރިޓީ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ މައުލޫމާތު ފޯރުކޮށްދޭންވެސް ޖެހެއެވެ. އެ މައުލޫމާތު ފޯރު ނުކޮށްދީފިނަމަ 5000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *