ޑީއާރްޕީ އިން ކައުންސިލް އިންތިހާބުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަނީ

އަބްދުﷲ ޖާބިރު/ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ނިންމައިފިއެވެ.

ޑީއާރްޕީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށާއި މި މަހުގެ ފަހުކޮޅު ގާފަރުގައި ބާއްވާ ކޮންގްރެސްގައި ޓިކެޓު ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޓިކެޓާއެކު ކެމްޕޭން ފަންޑުވެސް ހަވާލުކުރެވޭނެ ކަމަށް ޑީއާރްޕީން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލާފައެެވެ. ޑީއާރްޕީން ބުނީ، އެ ޕާޓީގެ ޓިކެޓް ދިނުމުގައި ބަލާނީ މަދުވެގެން 100 އާ މެންބަރުންގެ ފޯމް ހުށަހެޅުމާއެކު ގާނޫނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީ އާއި ޕީޕީއެމް އިން މިހާރު ވަނީ ޕްރައިމަރީ ބާއްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

Leave a Reply

Your email address will not be published. Required fields are marked *