“ސިއާރާ” ތޫފާނުގެ ސަބަބުން 6 މީހަކު މަރުވެއްޖެ

ސިއާރާ ސްޓޯމް/ ފޮޓޯ: ދަ ގާޑިއަން

ޔޫރަޕްގެ އިރުމައްޗަށް މިހާރު އަރާފައިވާ "ސިއާރާ" ތޫފާނުގެ ސަބަބުން ހަ މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ތޫފާނުގެ ސަބަބުން ޔޫރަޕްގެ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބުރޫ އަރާ އެކި ސަރަހައްދުތަކުން ކަރަންޓުވެސް ވަނީ ކަނޑައިގެންގޮސްފައެވެ.

ޕޯލޭންޑުގައިވެސް ބާރުމިނުގައި ވައިޖެހުމުގެ ސަބަބުން ސްކައި ރެންޓަލް ފިހާރައެއްގެ ފުރާޅު އެއްލާލައިގެންގޮސް އަންހެނަކާއި އޭނާގެ ދެ އަންހެން ދަރިންވެސްވަނީ މަރުވެފައެވެ. ނަމަވެސް އަންހެން މީހާގެ ފިރިމީހާ ވަނީ ސަލާމަތްވެފައެވެ. އޭނާއަށްވަނީ އެކި ވަރުގެެ ޒަހަމްތަކެއް ލިބިފައެވެ.

މީގެ އިތުރުން ދެކުނު ސްވިޑަން ކަނޑުގައި ދުއްވާފައި ދިޔަ ބޯޓެއް މި ތޫފާނުގައި ޖެހި ވަނީ ބަންޑުން ޖަހާލާފައެވެ. މި ބޯޓުގައި ތިބީ ދެ މީހުންނެވެ. އޭގެތެރެއިން އެކަކު މަރުވިއިރު ދެވަނަ މީހާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މީގެއިތުރުން މިތޫފާނުގައި ޖެހި ކާރު ދުއްވަން އިން ދެ މީހަކުވެސް ވަނީ މަރުވެފައެެވެ. މި ދެ މީހުންގެ ތެރެއިން އެކަކު މަރުވީ ޖަރުމަނުވިލާތުންނެވެ. އަދި ދެވަނަ މީހާ މަރުވީ ސްލޮވޭނިއާއިންނެވެ.

ފްރާންސްގެ މެޑިޓެރޭނިއަން އައިލެންޑް އޮފް ކޯޝިއާގައި މި ތޫފާނުގެ ސަބަބުން 220 ކިލޯމީޓަރު ބާރުމިނުގައި ވައި ގަދަވެފައިވާ ކަމަށް ވަނީ ރިކޯޑްކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ޔޫރަޕަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރަށް، ވައިގަދަވެ ފެންބޮޑުވެފައިވެއެވެ.

ޔޫރަޕްގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެ ތޫފާނުގެ ސަބަބުން ވައިގަދަވުމާއެކު ޔޫރަޕްގެ އުތުރުގެ ބައެއް ސިޓީތަކަށް އަލިފާނުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ. އަަދި ކޯޝިއާގެ ބައެއް ފްލައިޓްތައް މަޑުޖައްސާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތޫފާނުގެ ސަބަބުން މީގެކުރިންވެސް ގާތްގަޑަކަށް 200 ފްލައިޓް ކެންސަލްކޮށްފައިވެއެވެ
ސިއާރާ ތޫފާނަށް ތޫފާން ސްޓެބީންގެ ނަމުގައިވެސް ނަންދީފައި ވެއެވެ. މި ތޫފާނުގެ ސަބަބުން ޔޫރަޕްގެ އެކި ސަރަހައްދަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

މިދިޔަ އާދީއްތަ ދުވަހު އަޔަލޭންޑް އަދި ޔޫކޭއަށް މި ތޫފާނުގެ އަސަރުކޮށްފައިވާއިރު، ތޫފާނުގެ އަސަރުވަނީ ޔޫރަޕްގެ މެއިންލޭންޑްގެ އުތުރު ކޯސްޓަށްވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *