ކޮމިޝަނަރުގެ ވާހަކަތަކުން ކަންބޮޑުވޭ، މުވައްޒަފުންނަށް ބިރުދެއްކުން ބަލައެއް ނުގަންނަން

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން ހުށަހެޅި މައްސަލައަކާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑުއެހުމަކަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރުނުވުމުން އެކަމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ދެއްކެވި ވާހަކައިގެ ސަބަބުން ކަންބޮޑުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓްރޭޑު ޔޫނިއަންއިން އެދިފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް އެއްވެސް ފަޅުރަށެއް ކުއްޔަށް ދޫކޮށްފައި ވޭތޯ ބެލުމަށެވެ. އަދި ކުއްޔަށް ދީފައިވާނަމަ އެރަށެއްގެ ލީސް އެގްރީމަންޓު ހޯދުމަށް ޓްރޭޑު ޔޫނިއަންއިން ވަނީ އެދިފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެ މައުލޫމާތު ނުދިން މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އަދި އެ އަޑުއެހުމަށް ޓޫރިޒަމްއިން ހާޒިރެއް ނުވެއެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެމަނިކުފާނުގެ ޓްވީޓާގައި އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އަޑުއެހުމަށް ނައުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފިޔާޒު ވިދާޅުވީ ރައްޔިތުންގެ ހައްގަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުން ލިބިދޭ ބާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށެވެ.

ފިޔާޒު މިފަދައިން ވިދާޅުވުމުން ކަންބޮޑުވުން ފާޅުކޮށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ އެއްވެސް ސިވިލް ސާވިސްއަކަށް ބިރު ދެއްކުމަށް ކުރާ އަމަލެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި އެ މިނިސްޓްރީގެ ސިޔާސަތުގެ ކަމެއްގައި ޒިންމާވާނީ މިނިސްޓަރާއި ސިޔާސަތުތައް ނިންމާ ޕޮލިސީ ލެވަލްގެ މުވައްޒަފުން ކަމަށެވެ.

މީގެ އިތުރުން މި މައްސަލާގައި އިތުރު ކަމެއް އެ މިނިސްޓްރީން ސާފުކުރަން ބޭނުންވާނަމަ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަކަށް ނުވަތަ ޝަރުއީ ކޯޓެއްގައިވިޔަސް ޖަވާބުދާރީވާން ތައްޔާރަށް އޮތް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *