ވިޔަފާރި ބަނދަރަށް އިންޑިއާއިން 300 މިލިއަން ޑޮލަރުގެ ލޯނެއް

ގުޅިފަޅު ބަނދަރު ހެދުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 300 މިލިއަން ރުފިޔާގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގަވާއިދާބެހޭ ގޮތުން މައުލޫމާތު ދޭން މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށްޓަކައި ދިރާސާތަކެއް ހަދަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ދިރާސާތައްވެސް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ގުޅީފަަޅަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފަށާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގެ ޑިޒައިން މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރާއިރު އެ ބަނދަރަކީ ޒަމާނީ ފެންވަރުގެ ބަނދަރަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މާލެ ގުޅީފަޅު ބްރިޖާއި އެކުގައި ބަނދަރުގެ މަސައްކަތްވެސް އެއްކޮށް ނިންމާލާ ގުދަންތައް ބަނދަރަށް ބަދަލު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގުދަންތައް ވިޔަފާރި ބަނދަރަށް ބަދަލު ކުރުމުން ތަކެތީގެ އަގުވެސް ހެޔޮވެގެން ދާނެ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް ނިންމީ ތިލަފުއްޓަށް ކަމަށެވެ. ނަމަވެސް އެއީ އެންމެ އެކަށީގެންވާ ރަނގަޅު ގޮތެއް ކަމަށް ކެބިނެޓަށް ނުފެންނާތީ އެ މަޝްރޫއު ގުޅީފަޅަށް ބަދަލުކުރީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ބަނދަރު ގުޅީފަޅަށް ބަދަލު ކުރަން ކުރީ ސަރުކާރުން “ޕްރިމިލިނަރީ ރިޕޯޓް” ތަކެއް ހަދާފައިވާ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކަކަށް އިންވެސްޓު ކުރުމަށް ދޫކޮށްލުމުގެ ގޮތުން ޗައިނާގެ ދެ “ޕާޓީއަކާއި” އެކު އެމްއޯޔޫ ހެދުމަށްފަހު އެޑްވާންސް ފައިސާވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެފައިސާތައް އެފަރާތްތަކަށް ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.