މާލެއާ އަތޮޅުތަކާއި ގުޅުވައި ޒުވާބު ކުރުމުން ފިތުނަ ފަސާދަ އުފެދޭ، އެކަން ހުއްޓާލާ: ނިޒާރު

މާލެއާއި އަތޮޅުތަކާއި ގުޅުވައި ޒުވާބު ކުރުމުން ފިތުނަ ފަސާދަކަން އުފެދޭކަމަށާއި، އެކަން ހުއްޓާލައި މާލެއާއި އަތޮޅުތަކުގެ ފަރަގު ކުޑަކުރަން ގުޅިގެން މަސައްކަތް ފަށަންޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަދި މިހާރު އައްޑޫ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިވަނީ، މާލޭގެ ރައްޔިތުންނަށް ބިން ނުލިބުމުގެ މައްސަލަ، ފަލަސްތީނު ރައްޔިތުންގެ ބިންތައް އެހެން ބަޔަކު ފޭރިގެންފައިވާ ފަދަ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ނިޒާރު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އަތޮޅުތަކުން ނެރޭ އާއްމުދަނީގެ ހިއްސާ ސީދާ ކައުންސިލްތަކަށް ލިބެންޖެހޭ ކަމަށާއި، އިދާރީ ހިންގުމަށް ގާނޫނީ ބާރު އިތުރު ކޮއްދިނުމަށް ނިޒާރުވަނީ ގޮވާލާފައެވެ.

ނިޒާރު ދެއްކެވި ވާހަކަޔަށް ތާއީދުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށެވެ.

ރާއްޖެތެރޭ މީހުންނާއި އިޒްރޭލް މީހުންނާއި އެއްވަރުކޮށް އަނދުން ހުސެއިން މިހެން ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައްވަނީ އަމާޒުވެފައެވެ. އެގޮތުން އެމްޑީޕީގެ ބައެއް މެންބަރުންނާއި، އިދިކޮޅު ބައެއް މެންބަރުންވެސްވަނީ ފާޑުވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އަނދުން ހުސައިން މިއަދު ވިދާޅުވީ، މާލޭގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލުގެ ވާހަކަ ދައްކަމުން އެ ރައްޔިތުން އުޅެމުންދަނީ، ރެފިއުޖީންނާއި އެއްގޮތަށް ކަމަށާއި، އަދި މާލެ މިހާރު މިއޮތީ ފަލަސްތީނާ އެއް ހާލަތުގައިކަމަށް ދެންނެވީ މާލޭގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ސިފަކޮށްދިނުމަށްކަމަށެވެ.

އަދި އެއީ އެއްވެސް ގޮތަކަށް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުުރުމަކަށް ނޫންކަމަށާއި، ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނެފަނުވާނެ ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. އޭނާ ދެއްކި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން އަނދުން ހުސައިން ވަނީ މާފަށްވެސް އެދިވަޑައިގެންފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.