އަނދުން ހުސެއިން މައާފަށް އެދިއްޖެ

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލޭގެ ރައްޔިތުންނަށް ބިން ނުލިބުމުގެ މައްސަލަ، ފަލަސްތީނު ރައްޔިތުންގެ ބިންތައް އެހެން ބަޔަކު ފޭރިގެންފައިވާ ފަދަ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައި ދެއްކެވި ވާހަކައަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) މައާފަށް އެދިވަޑައިގެންފިއެވެ.

ހުސެއިން މިހެން ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައްވަނީ އަމާޒުވެފައެވެ. އެގޮތުން އެމްޑީޕީގެ ބައެއް މެންބަރުންނާއި، އިދިކޮޅު ޕާޓީގެ  މެންބަރުންތައްވެސްވަނީ މިކަމަށް ފާޑުވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ހުސެއިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލުގެ ވާހަކަ ދައްކަމުން އެ ރައްޔިތުން އުޅެމުންދަނީ، ރެފިއުޖީންނާއި އެއްގޮތަށް ކަމަށާއި، އަދި މާލެ މިހާރު މިއޮތީ ފަލަސްތީނާ އެއް ހާލަތުގައިކަމަށް ދެންނެވީ މާލޭގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ސިފަކޮށްދިނުމަށްކަމަށެވެ.

އަދި އެއްވެސް ގޮތަކަށް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުުރުމަކަށް ނޫންކަމަށާއި، ސީދާ ގޮތުންވެސް އަދި ނުސީދާގޮތުންވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނެފަނުވާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ. އަދި ހުސެއިންވަނީ އޭނާ ދެއްކި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން މާފަށްވެސް އެދިވަޑައިގެންފައެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް މާލެ ހިއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ ތަންތަނަށް ވަޒަންވެރި ކުރުވާއިރު މާލޭ މީހުން ތިބީ ތިބިގޮތަށް ކަމަށެވެ.

އަދި މާލޭ ރައްޔިތުންނަކީ ކޯސްޓު ކުޑަ ދަޅެއްގައި ފެންވަރަންޖެހޭ ފަދަ ހާލަތެއްގައި ތިބެންޖެހޭ ބައެއް ނޫން ކަމަށާއި އެ ރައްޔިތުންނަކީ އެއަށްވުރެ މާ ޝަރަފުވެރި އަދި ފަހުރުވެރި ގޮތަކަށް އުޅެންޖެހޭ ފަރާތްތަކެއް ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *