ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އެމްއެންޑީއެފް ކޯސްޓް ގާޑް/ ފޮޓޯ: އެމްއެންޑީއެފް

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަޙައްދުގައި ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤަޢުމީ އިދާރާއިން ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ. މިގޮތުން ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް، ދަތުރަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމާއި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން ޚާއްސަކޮށް ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓްގާޑުންވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އަނގަމަތި ކުދި ބޮއްކުރާ އަދި ޑިންގީ ފަދަ އުޅަނދުފަހަރުގައި ދަތުރު ނުކުރުމަށާއި އަދި ރަށްރަށުގެ ކަނޑިންމައިން ވަދެ ނުކުމެ ހަދާއިރު ޙާއްސަ ސަމާލު ކަމެއް ދިނުމާއި އަދި  މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދު ތަކަށް ޢަމަލްކުރުމާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ، ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށެވެ.

އަދި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާކުރެއްވުމަށް އެމްއެންޑީއެފްއންވަނީ އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.