އެމްއެމްޕީއާރުސީ ރަށްތަކުގެ އެގްރީމަންޓު މިނިސްޓްރީއިން ނުދީގެން ފިޔަވަޅު އަޅަނީ

މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން: ފޮޓޯ/ އިންފޮމޭޝަން ކޮމިޝަނަރު

އެމްއެމްޕީއާރުސީއިން ރަށްތަކުގެ އެގްރީމަންޓު މިނިސްޓްރީއިން މޯލްޑިވްސް ޓްރޭޑް ޔުނިއަންއަށް ނުދިނުމުން އެކަން އިންފޮމޭޝަން ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

ޓްރޭޑު ޔުނިއަނުން ޓޫރިޒަމް މިނިސްޓްރީއަށް މައުލޫމާތު ހޯދުމަށް އެދިފައިވަނީ، އެމްއެމްޕީއާރްސީއަށް އެއްވެސް ރަށެއް ނުވަތަ ފަޅެއް ކުށްޔަށް ދީފައިވޭތޯ ނުވަތަ ނޫންތޯ އާއި އެމްއެމްޕީއާރްސީއިން އެއްވެސް ރަށެއް އެއްވެސް ފަރާތަކަށް ކުއްޔަށް ދީފައިވޭތޯ އެވެ. އަދި ކުއްޔަށް ދީފައިވާ ނަމަ ލީސް އެގްރީމަންޓުތައް ދިނުމަށްވެސް ޓްރޭޑް ޔޫނިއަންއިން އެދިފައިވެ އެވެ.

ޓްރޭޑް ޔުނިއަންއިން ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތު ހޯދަން އެދުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން މައުލޫމާތަށް އެދޭ ފަރާތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ އެވެ. އަދި އެ މުއްދަތު 21 ދުވަހަށް ވުރެ ދިގުވެގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދިނުމަކީ މައުލޫމާތު ދޭން ދެކޮޅު ހެދުން ކަމަށް ބެލެވޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ޓްރޭޑް ޔޫނިއަންއިން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން އެ ކޮމިޝަނުގައި މިއަދު އަޑުއެހުމެއް ތާވަލު ކުރި އެވެ. ނަމަވެސް އެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީއިން ހާޒިރުވެފައެއް ނުވެއެވެ.

ޓްރޭޑް ޔުނިއަންގެ ފަރާތުން އެ މައުލޫމާތު ހޯދުމަށް އެދުމުން 21 ދުވަސް ވެގެން ދިޔައިރުވެސް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ހިއްސާކޮށްފައި ނުވެއެވެ. މިކަމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީއިން އަޑުއެހުމަށް ހާޒިރު ނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނުން މިއަދު ނިންމީ އެ ލިޔެކިޔުންތައް ޓްރޭޑް ޔުނިއަނަށް ދޭން ޖެހޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *