ގާސިމްގެ މަރުގެ ޝަރީއަތް ފަސްކޮށްފި

ގާސިމް މަރާލި އަދހަމް/ ފޮޓޯ: ހަތާވީސް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި އަދުހަމް މުހައްމަދުގެ މައްޗަށް ދައުވާއުފުލައި، ޝަރީއަތް ފެށުމުގެ ކުރިން އެމައްސަލައިގެ ލިޔެކިޔުންތައް ދިފާއީ ވަކީލަށް ލިބިފައި ނުވާތީ މިއަދުގެ ޝަރީއަތް ކުރިއަށް ނުގެންގޮސް ފަސްކޮށްފިއެވެ.

މިއަދުގެ އަޑުއެހުމަކީ އަދުހަމް ލިބިގެންވާ ހައްގުތައް ބަޔާންކޮށްދީ ލިޔުންތައް ލިބިފައިވޭތޯ ބެލުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް އެ ލިޔުންތައް ދިފާއީ ވަކީލަށް ލިބިފައި ނެތުމާއެކު، މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް، މާދަމާ އަޑުއެހުމެއް ބޭއްވުމަށް ޝަރީއަތުން ނިންމި އެވެ.

ގާސިމް ހަސަންގެ މަރުގެ މައްސަލައިގެ މިއަދު ބޭއްވީ ފުރަތަމަ އަޑުއެހުމެވެ. އަދުހަމްއަށް އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމުގެ ގާބިލްކަން ނެތުމުން އޭނާގެ ފަރާތުން ވަކާލަތު ކުރަނީ ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައިވާ ވަކީލެކެވެ.

އަދުހަމް ކުށަށް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް އޭނާއާ ދެކޮޅަށް ދައުލަތުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން ބައެއް ހެކި ސިއްރު ކުރުމަށް މިއަދު މި މައްސަލާގައި ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އެދުނެވެ. ދައުލަތުން ވަނީ މި މައްސަލައަކީ އިއުތިރާފު އެއްބަސްވުމެއް އޮތް މައްސަލައަކަށް ވާތީ އަޑުއެހުންތައް އަވަހަށް ކުރިއަށް ގެންގޮސްދިނުމަށް އެދިފަ އެވެ. އިއުތިރާފުވާ މައްސަލަތައް ކުރިއަށް ގެންދަނީ އަވަސް ނިޔާ މައްސަލަތަކެއްގެ ގޮތުގަ އެވެ.

ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހުއެވެ. ގާސިމްގެ މަރުުގެ މައްސަލަ އާއި ގުޅިގެން އަދުހަމް ހައްޔަރު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ ނަވާރަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *