ރަށްރަށުން މަލޭ މީހުންނަށް ފްލެޓް ދޭން ނަޝީދު ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެތެރޭގެ ރަށްރަށުގެ ފްލެޓްތައް މާލޭގެ ރައްޔިތުންނަށް ދެވޭނެ ގޮތެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދް ގޮވާލައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހެ މިއަދުގެ ޖަލްސާގައި، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގެ ތެރެއިން ރިޔާސަތުން ވާހަކަ ދައްކަވަމުން ނެވެ.

ރައީސް ނަޝީދް ވިދާޅުވީ، ރަށްރަށުގައި ފްލެޓްތަކުން މާލޭގެ ރައްޔިތުންނަށް ފްލެޓް ދެވޭނެ އުސޫލެއް ހަމަޖެއްސުމުން މާލޭ ރައްޔިތުން ވެސް ރަށްރަށުގައި ވަޒަންވެރިވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މާލޭ ސަރަހައްދުގައި އަޅާ ފްލެޓްތަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ފުރުސަތު ދޭ ކަމަށެވެ. ނަމަވެސް، ރަށްރަށުގައި އަޅާ ފްލެޓްތަކުން މާލޭގެ ރައްޔިތުންނަށް ފްލެޓް ދިނުމަށް ރަށްރަށަށް ނިސްބަތްވާ މެންބަރުން ރުހޭނެތޯ ނަޝީދު ސުވާލު އުފެއްދެވި އެވެ.

އަދި އެކަމަށް ރުހޭ ނަމަ މާލޭގެ ރައްޔިތުން ރަށްރަށަށް ގޮސް ވަޒަންވެރި ނުވާންވީ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވި މިންވަރަކަށް ކޮންފްލިކްޓް ހަމަނުޖެހުން އުފެދުން ގާތްވާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.