ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ރުހުން ދިނުން މާދަމާގެ ޖަލްސާއަށް

ޖެންޑާ މިނިސްޓަރަކަށް ރައީސް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ --

ޖެންޑާ މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ އައިޝަތު މުހައްމަދު ދީދީއަށް ރުހުން ދިނުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމަށް އެކަމަނާ އައްޔަން ކުރައްވާފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޖެންޑާ މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާ އައިޝަތު މުހައްމަދު ދީދީއަކީ 2005 އިން 2008 އަށް ޖެންޑާ މިނިސްޓަރުގެ މަގާމުން ފުރުއްވާފައިވާ ބޭކަނބަލެކެވެ. އަދި އެކަމަނާ ވަނީ އިޖްތިމާއީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ތައުލީމާއި، ކުޑަކުދިން އަދި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި، ޖެންޑާ އީކުއަލިޓީ ކައުންސިލްގެ ޗެއާޕާސަންކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑާ ގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވާނިން ބޯޑުގެ ޗެއާޕާސަންކަމާއި، ކައުންސިލް ފޯ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއާޕާސަންކަމާއި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.

އައިޝަތު މުހައްމަދު ދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓާ އޮފް އާޓްސް ހާސިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެކަމަނާ ވަނީ ލުބުނާނުން ބެޗެލާ އޮފް އާޓްސް އާއި ޑިޕްލޮމާއިން ޓީޗިންގެ ވެސް ހާސިލުކުރައްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *