އިމްރާނަށް ހޯމް މިނިސްޓަރުކަން ދިނުމުން މުސްތަފާގެ ރުޅިގަނޑު ނަޝީދަށް

ރައީސް ނަޝީދު އަދި މުސްތަފާ-

އިމްރާން އަބްދުﷲ އަށް މިސަރުކާރުގެ ހޯމް މިނިސްޓަރުކަން ދިނުމުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ ރުޅިގަނޑު ރައީސް ނަޝީދަށް އަމާޒު ވެއްޖެއެވެ.

މުސްތަފާގެ ފާޑުކިޔުންތައް ރައީސް ނަޝިދަށް އަމަޒުވެފައިވަނީ، ދާދިފަހުން ކ. މާފުށިން ހައްޔަރުކުރި ފަތުރުވެރިޔާއާއި މެދު ފުލުހުންގެ އަމަލުތައް ގޯސް ނޫން ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުންނެވެ..

އެކަމަށް ފާޑު ވިދާޅުވެ މުސްތަފާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ސަރުކާރު "ބަވަން" ޖެހެނީ މުހިއްމު ސަބަބުތަކެއް ހުރީމަ ކަމަށާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަހަލަ ނާތަހުޒީބް "ބާޢީ" އަކަށް ހޯމް މިނިސްޓަރުކަން ދޭން ނުޖެހޭކަމަށެވެ.

 މަ ޗިސްޗިސްހޭ ކިޔާފައި ޓްވީޓު ކުރިޔަސް ނުވާނެ މުހައްމަދު ނަޝީދު. ބާޣީން ބޭރު ކުރޭ، ވެރިކަން ފިސާރި ކެރިކަން ކޮށްބަލަ،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ޓޫރިސްޓެއްގެ ގަޔަށް ފުލުހުން އަތްލާ އެމީހާގެ އިއްޒަތް ނަގާލުމުންވެސް ފުލުހުން އަމަލުކުރީ ރަނގަޅަށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިމްރާން އެފަދައިން ވިދާޅުވުން އެއީ އިމްރާންގެ ނާތަހުޒީބުކަން ކަމަށެވެ. އަދި އެވަރުގެ މީހަކަށް ސަރުކާރުގެ ބޮޑު މަގާމެއް ދޭން ހެޔޮ ނުވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުވަނީ އެފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށްވެސް ދައުވަތު ދެއްވާފައެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދުވަނީ އިނގިރޭސިބަހުން ވާހަކަ ދައްކަވމުން އެ ފަތުރުވެރިޔާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީއިން ދައުވަތު އަރުއްވާ ކަމަށެވެ.

އަދި އެކަން ހިނގައިގެން ދިޔަ ކަމާމެދު ހިތާމަކުރައްވައި މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، އެކަން ހިނގައިގެން ދިޔަ ގޮތުގެ ތަފްސީލް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ދެއްވާފައިވާ ކަމަށެވެ.

ދާދިފަހުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މާފުށީގައި ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށާއި، ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް، ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *