ފަސް އަހަރު ފަހުން އިބްތިހާލުގެ މައްސަލާގައި މި މަހު ހުކުމް ކުރަނީ

ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ހުކުމް އިއްވުން މި މަހުގެ ތާރީހެއްގައި އޮންނާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ. މައްސަލާގައި ހުކުމް ކުރުމަށް ގާޒީ ނިންމާފައި މިވަނީ އިބްތިހާލު މަރުވިތާ ފަސް އަހަރު ފަހުންނެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހަޅާ ދެ ހެއްކެއް ހުށަހެޅުމެވެ. އެހެންނަމަވެސް ތަކުރާރުކޮށް ދައުލަތުން ގުޅުމުންވެސް ފޯނަށް ޖަވާބު ނުދޭތީ އެމީހުން ހާޒިރު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން ދައުލަތުން އެދުނީ އެ ދެމީހުން ކޯޓަށް ހާޒިރު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. އެ ދެމީހުންނަކީ އެކި ދުވަސް މަތިން އިބްތިހާލަށް ޖިސްމާނީ އަނިޔާކުރިކަން ސާބިތުކޮށްދިނުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އިބްރާހިމް ޝަފީގް އާއި ޝާމިލާ މުހައްމަދެވެ.

ދައުލަތުން އެފަދައިން ބުނުމުން މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަަމީރު ވަނީ އެދެމީހުންގެ ހެކި ބަހަކީ ހަމަ އެހާ މުހިއްމު ހެކިބަހެއްތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ބުނީ ދެ ހެކީންގެ ތެރޭގައި ހިމެނޭ އިބްރާހިމް ޝަފީގް އަކީ އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މީހެއްކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. މިއަދުގެ ޝަރީއަތުގައި އާފިޔާވެސް ވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރެއް ފޮނުވައިގެން ޝަފީގްގެ ހެކިބަސް ނަގަން ބޭނުންވާކަމަށް ބުނެފައެވެ.

ދެފަރާތުގެ ވާހަކަތަކާ ގުޅިގެން ގާޒީ ސަމީރު ވިދާޅުވީ ދެ ހެކީން އުޅޭ ތަނުގެ މައުލޫމާތު ކޯޓާ ހިއްސާކުރުމުން އެ ދެމީހުންނަށް ވެސް ކޯޓަށް ހާޒިރުވުމުގެ އަމުރެއް ފޮނުވާނެ ކަމަށެވެ. އަދި މިއީ ފަހު ފުރުސަތުކަން ފާހަގަ ކުރައްވައި، ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ހުލާސާ ބަޔާން އިއްވަން ތައްޔާރުވުމަށް ދެ ފަރާތަށް ވެސް އަންގައިފައެވެ.

ގަޒީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނުވައެއް ޖަހާއިރު އެވެ. އެ އަޑުއެހުމުގައި ދެ ހެކީންގެ ހެކިބަސް ނެގުނަސް ނުނެގުނަސް އަޑުއެހުންތައް ނިންމާލާނެ ކަމަށް ގަޒީ ވިދާޅުވިއެވެ.

ގަޒީ ސަމީރު ވިދާޅުވީ އެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުމަށްފަހު ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށެވެ. އަދި އެ އަޑުއެހުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ 11:30 ގައި ކަމަށް ގާޒީ މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.

މީގެކުރިން މި މައްސަލައިގައި ވ. ރަކީދޫގައި ތިބި ދައުލަތުގެ ފަސް ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގައިފައެވެ. އެ މީހުންގެ ހެކިބަސް ނަގާފައި ވަނީ ރަކީދޫ ކޯޓުގައި ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *