ކުޅިވަރުގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅިވަރި އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ މަޝްވަރާ ކުރައްވައިފި/ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ދިމާވާ ކަންބޮޑުވުންތަކާ ބެހޭގޮތުންެ ނައިބު ރައީސް ފައިޞަލް ނަސީމް، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ގިނަ ގުނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއްކަން ފާހަގަކުރައްވާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބް ޖަމުޢިއްޔާތަކާއި އަމިއްލަ ފަރުދުން އަދި ކުޅިވަރު ކުޅުންތެރިން މި ކާމިޔާބީ ހާސިލުކުރުމުގައި ކުރެއްވެވި ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުންކަމުގައި ވާއިރު ކުޅިވަރު ކުރިއެރުވުމަކީ މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ދާއިރާއެއްކަމުގައެވެ.

ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައްޔާއި ދިމާވާ އެކި ކަހަލަ މައްސަލަތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން މުހިންމު ދައުރެއް އަދާކުރެއްވޭނެކަން ފާހަގަކުރައްވާ އެންމެން ގުޅިގެން މުޖުތަމަޢަށް ފައިދާކުރަނިވި ގޮތަކަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކުޅިވަރު ކުރިއެރުވުމުގައި އެސޯސިއޭޝަންތަކަށް ދިމާވާ ދަތިތަކާއި، އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ. މިގޮތުން ތަޢުލީމީ ދާއިރާގައި ސްކޫލް ކުދިންނާ ގުޅޭ ކުޅިވަރާބެހޭ މުހިންމު ނިންމުންތައް ނިންމުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަހެއް ހޯދުމުގެ މުހިންމުކަން އެންމެހައި ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކުޅިވަރު އެސޯސިއޭޝަންތަކުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ޙައްލުހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.