އަނދުން ހުސެއިންގެ ވާހަކަ ކުށްވެރިނުކޮށްފިނަމަ ހަސަދަވެރިކަން އޮތް މިންވަރު ހާމަވާނެ

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-

އަނދުން ހުސެއިންގެ ވާހަކަ ކުއްވެރިނުކޮށްފި ނަމަ ރާއްޖެތެރޭ ރައްޔިތުންނާއި މެދު އެމްޑިޕީގެ އިސްވެރިންގެ ހަސަދަވެރިކަން އޮތް މިންވަރު ހާމަވެގެންދާނެކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދި ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ، މާލޭގެ ރައްޔިތުން ދިރިއުޅޭނެ ފްލެޓެއް ބިމެއް ލިބެން ނެތުމާއިއެކު އެ ރައްޔިތުންނަކީ ފަލަސްޠީނު ރައްޔިތުން ފަދަ ބައެއް ކަމަށް ސިފަ ކުރައްވައި ރޭ ރާއްޖެޓީވީ ފަލަ ސުރުހީ ޕްރޮގްރާމުގައިި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)  ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، މިކަން އެމްޑިޕީއިން ކުށްވެރިކޮށް، ފިޔަވަޅު ނާޅައިފިނަމަ އެކަމަކީ އެ ޕާޓީއިންވެސް ގަބޫލުކުރާ ކަމެއް ކަމަށް ބެލެވޭނެކަމަށާއި، އަދި އަތޮޅު ތެރޭ ރައްޔިތުންނާއި މެދު އެ ޕާޓީގެ އިސްވެރިންގެ ހަސަދަ އޮތް މިންވަރު ސާބިތުވާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން ޖަމީލްވަނީ، ނިކަމެތި ހާލުގައި ގުރުބާންވަނީ ކިތައް ރައްޔިތުންތޯ ސުވާލް އަފައްދާފައެވެ.

ހުސެއިން ވިދާޅުވީ މުޅި މާލެ ހިއްކައި، ކޮންމެ ސަރުކާރަކުން ވެސް ހައްގުވެރިންނަށޭ ކިޔާފައި އެ ބިންކޮޅު ހިތުހުރި ގޮތަކަށް، އެމީހަކަށް ފައިދާހުރި ގޮތަކަށް ދެނީ ކަމަށެވެ. އެކަމަކު މާލެ އަކީ މާލެ މީހުންގެ ރަށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

 ހުސެއިން ވިދާޅުވީ، ކޮންމެ ސަރުކާރުންވެސް މާލޭގެ ބިން ހިއްކުމަށް ފަހު ރަށްރަށުން މީހުން ގެނެސް މާލޭގައި ވަޒަންވެރިވުމުން މާލޭގެ ރައްޔިތުން ބިންކޮޅެއްވެސް ނުލިބޭ ކަމަށެވެ.

ހުސެއިންގެ އެ ވާހަކައަށް ރައްދު ދެއްވައި، އެމްޑީޕީގެ މެންބަރެއް ކަމަށްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، އިޒުރޭލްގެ ނުބައިނުލަފާ މީހުންނާ އެއް ހަމަޔަކުން މިރާއްޖޭގެ ރާއްޖެތެރޭ މީހުން މިނެކިރާތީ އެކަމާ ލަދުވެތިވެ ކަންބޮޑުވާ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށް، ހުޅުމާލެއިން ގޯތި ދިނުމަށް އެމްޑީޕީން ވަނީ ދާދި ފަހުން އެޗްޑީސީގައި އެދިފައެވެ. އެމްޑީޕިން އެދިފައިވާ ގޮތަށް އޭރު ބިން ދޫކޮށްލި މީހުންގެ ތެރެއިން ފަހުން ގޯތިދޭނެ ކަމަށް ލިޔުން ޙަވާލުކޮށްފައިވާ ފަރާތްތަކަށް ވަރަށް އަވަހަށް ބިން ލިބިގެންދާނެކަން ޝަހީމް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.