އަނދުންގެ ހުސައިން ދެއްކެވި "ދެއުޅިއެއްނުވާ" ވާހަކަތައް!

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) -- ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ އިއްޒަތްތެރިވެގެންވާ ބައެކެވެ. މަޖިލީހުގައި މަޖިލިސް މެންބަރުންނަށް އިއްޒަތްތެރި މި ލަފްޒު ބޭނުން ނުކޮށް މަޖިލީހުގެ ރިޔާސަތުން އެންމެ ފަހަރަކުވެސް މުހާތަބު ނުކުރައްވައެވެ. ސަބަބުތައް އެކަމުގެ ފަހަތުގައި އޮވެގެންނެވެ. އެއީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ އާއްމު އެހެން ފަރާތްތަކަށްވުރެ ހައިބަތު ބޮޑުވެ ރައްޔިތުން އިތުބާރު ކުރާ ރައްޔިތުން ދިން އަމާނާތާއި މާތްﷲ ގަންދީ ހުވައެއް ކޮށްގެން ތިބި ބަޔަކަށް ވާތީއެވެ.

ނަމަވެސް މެންބަރުންނަށް އެއް ދުވަހު ދެއްކޭ ވާހަކައާ އަނެއް ދުވަހު ދެއްކޭ ވާހަކަ ނޭނގޭ ހިސާބަށް ދިއުމަކީ ހިތާމަ ކަންބޮޑުވާންޖެހޭ ވަރުގެ މައްސަލައެކެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 21ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި މުހިއްމު އިސްލާހެއް ކަމަށްވާ ލާމަރުކަޒީ ގާނޫނުގެ ބިލަށް ބަހުސް ކުރައްވާ ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވި ވާހަކަ އެއްވެސް ބޭފުޅަކު ހަނދުމަފުޅު އެބަހުރިތޯއެވެ. ހަނދުމަ ނެތް ބޭފުޅުން ހަނދާން އާ ކޮށްލާށެވެ.

"އަޅުގަނޑުމެން މިތަނުގައި އަބަދުވެސް މިދަނީ މާލޭ މީހުންނަށް މޮޅު ގޮތް، ވާކަށް ނުޖެހޭ. ވާކަށް ނުޖެހޭ، އަތޮޅުތެރޭގެ ރައްޔިތުންނަށް މާ ރަނގަޅު ގޮތްގޮތް ވާންޖެހޭ" އަނދުން ހުސައިން ވިދާޅުވިއެވެ.

މިވަރުން އެމަނިކުފާނު ފުއްދަވާލެއްވީއެއް ނޫނެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނަަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ހުސެއިން ވިދާޅުވީ އަބަދުވެސް މަޖިލީހުގައި ދެކެވެމުން އަންނަނީ މާލޭ މީހުންނަށް ވާނެ މޮޅު ގޮތްތަކުގެ ވާހަކަ ކަމަށާއި ނަމަވެސް މާލޭ މީހުންނަށް މޮޅު ގޮތްތައް ވާކަށް ނުޖެހޭ ކަމަށެވެ.

ނަމަވެސް މިއަދު އެމަނިކުފާނުގެ ރާގު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. މިއަދު ރާއްޖެތެރޭ މީހުންނަކީ ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާވެރިވާ އިޒްރޭލުގެ ރައްޔިތުންނެކޭ އެއްވަރު ކޮށްފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަނދުން ހުސައިން ވަނީ މާލެއަށް ދިމާވެފައިވާ މައްސަލައަކީ ފަލަސްތީނުގެެ ރައްޔިތުން އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަަލައެއް ގޮތަށް ސިފަ ކުރައްވާފައެވެ. ވިދާޅުވީ، ކޮންމެ ސަރުކާރުންވެސް މާލޭގެ ބިން ހިއްކުމަށް ފަހު ރަށްރަށުން މީހުން ގެނެސް މާލޭގައި ވަޒަންވެރިވުމުން މާލޭގެ ރައްޔިތުން ބިންކޮޅެއްވެސް ނުލިބޭ ކަމަށެވެ.

އެހެންކަމުން އަނދުން ހުސައިން ދެއްކެވި މި ދެ ވާހަކައިގެ ތެރެއިން ރައްޔިތުން ބަލައިގަންނަންވީ ކޮން ވާހަކައެއް ހެއްޔެވެ. މާލޭ ރައްޔިތުންގެ މެންބަރެއްގެ ގޮތުގައި ހުންނަވާ މިދިޔަ އަހަރު މާލޭ ރައްޔިތުންނަށް މޮޅު ގޮތްތަކެއް ވާން ކޮންމެހެން ނުޖެހޭނެ ކަމަށް ވިދާޅުވެ ރާއްޖެތެރޭ ރައްޔިތުންނަށް ކަންކަން ކޮށްދޭން ޖެހޭ ކަމަށް ފުރަތަމަ ވިދާޅުވިއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން މި ވިދާޅުވަނީ މާލޭ ރައްޔިތުންގެ ބިންތައް ފޭރިގަންފައި ވަނީ ރާއްޖެތެރޭ މީހުން ކަމަށެވެ. އެހެންކަމުން އަނދުން ހުސައިންގެ މި ވާހަކަތައް "ދެއުޅި އެއްވޭ" ހެއްޔެވެ.

1 thought on “އަނދުންގެ ހުސައިން ދެއްކެވި "ދެއުޅިއެއްނުވާ" ވާހަކަތައް!

Leave a Reply

Your email address will not be published. Required fields are marked *