އަދުހަމް ޑްރައިވަރު ގާސިމް މަރާލި މައްސަލަ ކޯޓަށް!

ޑްރައިވާ ގާސިމްގެ ގާތިލް-

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި އަދުހަމް މުހައްމަދުގެ މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، އެ މައްސަލަ އިއްޔެ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށެވެ.

ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އަދުހަމްވަނީ އިއުތިރާފްވެފައެވެ. ފުލުހުން ބުނީ ގާސިމް މަރާލި ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި، ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ވެސް އިއުތިރާފުވެފައިވާ ކަމަށެވެ.

އަދުހަމް އިއުތިރާފުވެފައި ވިޔަސް އޭނާގެ މައްޗަށް ޝަރީއަތް ކޮށްގެން ކުށް ސާބިތުވާނެ ވަރަށް ހެކި ހޯދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު ވެސް މުހިންމު ފޮރެންސިކް ހެކިތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ގާސިމް މަރާލުމުގައި އެހެން އެއްވެސް ބަޔަކު ބައިވެރިވިކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.