މާފުށިން ހައްޔަރުކުރި ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް ނަޝީދު ދައުވަތު ދެއްވައިފި

ކ. މާފުށިން ހައްޔަރުކުރި ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދުވަނީ އިނގިރޭސިބަހުން ވާހަކަ ދައްކަވމުން އެ ފަތުރުވެރިޔާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީއިން ދައުވަތު އަރުއްވާ ކަމަށެވެ.

އަދި އެކަން ހިނގައިގެން ދިޔަ ކަމާމެދު ހިތާމަކުރައްވައި މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، އެކަން ހިނގައިގެން ދިޔަ ގޮތުގެ ތަފްސީލް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ދެއްވާފައިވާ ކަމަށެވެ.

ދާދިފަހުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މާފުށީގައި ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށާއި، ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް، ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ، މާފުށީގެ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅެނިކޮށެވެ. އޭނާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައެވެ. އޭނާ ނިވާ ކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ވަނީ ގަދަކަން ދައްކައި ފުލުހުންނަށް ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުން އޭނާ ހައްޔަރުކުރީ ގަދަކަމުންނެވެ. އޭނާއާއެކު ޗުއްޓީ ހޭދަކުރަމުން ދިޔަ ފިރިހެން މީހާ މާރާމާރީ ހިންގި ކަމަށް ވެސްވެ އެވެ.

އެ އަންހެން ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު އޭނާވަނީ ދޫކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *