ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައި ގެޒެޓް ކޮށްފައިވާ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށޭވެ.

އަދި ޕްރޮޕޯޒަލްފޮތާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް 10 ފެބްރުއަރީ 2020 އިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން islamicaffairs.gov.mv އިން ލިބެން ހުންނާނެ ކަމަށެވެ.

މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގް އޮންނާނީ 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 13:00 ގައި އެމިނިސްޓްރީގަ އެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުން 23 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި ވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަން ވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، 10 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން 23 ފެބްރުއަރީ 2020 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން ފެށިގެން 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ބަލައިގަންނާނެ ކަމަށެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީއަކީ ދިހަހާސް ރުފިޔާއެވެ.

ޕްރޮޕޯޒަލްތައް ހުށަހެޅުމާއި ހުޅުވުމަށް ހަމަޖެހިފައިވަނީ 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި، ޕްރޮޕޯޒަލް ހުށަހަޅުއްވާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯޒަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *