ގައިދީންނާއި ބަންދު މީހުންނަށް އަންނައުނު ފޮނުވާ އުސޫލަށް ބަދަލު ގެނެސްފި

ގައިދީންތަކެއް -- ފޮޓޯ / ސަން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް އާއިލާގެ ފަރާތުން ފޯރުކޮށްދޭން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލި އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ މިއަދުން ފެށިގެން އެ ފަރާތްތަކަށް އަންނައުނު ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން މިއަދު ވަނީ ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު އާއިލާގެ ފަރާތުން ފޯރުކޮށްދިނުމުގެ އުސޫލަށް އަމަލުކުރަން ފަށައި އެ އުސޫލު ކަރެކްޝަންސްގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

އެބަދަލަކީ "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގައި ކަރެކްޝަންސް އިން އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެެވެ.

ކަރެކްޝަންސް އިން 15 އޮކްޓޯބަރު 2017 ން ފެށިގެން އަންނައުނު ފޮނުވުން މެދުކަނޑާލާފައިވަނީ ގައިދީންނަށް އަންނައުނު މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތްކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.

އަދި އަލަށް އެކުލަވާލެވުނު އުސޫލުގައިވެސް އަންނައުނު މެދުވެރިކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަން މައްސަކަތް ކުރާކަމަށް ފާހަގަ ކުރެވިއްޖެނަމަ، ވަގުތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓްކޮށް، އެ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޖަލުތަކުގެ ރިޕޯޓުގައި ބުނެފައިވާ ކަންކަން ރަނގަޅު ކުރުމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *