ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ ކަންބޮޑުންތައް އީޔޫއާ ހިއްސާކޮށްފި

އާދަމް ޝަރީފް އީޔޫގެ ފަރާތުން ރާއްޖެ އައިސް އުޅުއްވާ ވަފްދުގެ އިސް ބޭފުޅާއާ މަޖިލިސް އިދާރާގައި ބައްދަލުކުރައްވަނީ : ފޮޓޯ / އާދަމް ޝަރީފް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވާ މައްސަލާގައި ހުރި ކަންބޮޑުވުންތައް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިއްސާކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މަޖިލީހުގެ އިސް ބޭފުޅުންނާއި މެންބަރުންނާ އީޔޫގެ ވަފުދު ކުރި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ރައީސް ޔާމީންގެ މައްސަލަ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. މި ވާހަކަތައް ހިއްސާ ކުރެއްވީ އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ވަޑައިގެން އުޅުއްވާ، އެކްސްޓާނަލް އެކްޝަން ސާވިސް ފޯ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާއެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. އަދި އެ ހުކުމް ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުވެސް ކުރެއްވިއެވެ. އަދި އިސްތިއުނާފުގެ މަރުހަލާގައި ރައީސް ޔާމީން އެދިވަޑައިގަތީ ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްދެއްވުމަށެވެ. އަދި ސިއްހީ ހާލުކޮޅު ހުރިގޮތުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައެއްވެސް ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ.

އީޔޫގެ ވަފްދެއް ރާއްޖެ އައިސް އުޅެނީ އެ ޖަމާއަތުން ދިވެހި ސަރުކާރާ އެކު ބާއްވާ ބައްދަލުވުމަކަށެވެ. އީޔުގެ ވަފްދުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާފައިވާއިރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ވަނީ ބައްދަލު ކުރައްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *