ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މަގާމުގެ ހުވާ ކުރައްވައިފި

ޖެންޑާ މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވުމަށް ނިންމާފައިވާ އައިޝަތު މުހައްމަދު ދީދީ މަގާމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

ޢާއިޝަތު މުޙައްމަދުދީދީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ. ޢާއިޝަތު މުޙައްމަދުދީދީއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ހުސްނުއްސުޢޫދެވެ.

ޢާއިޝަތު މުޙައްމަދުދީދީ ޖެންޑަރ މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

އެކަމަނާ ވަނީ 2005 އިން 2008 އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމު ފުރުއްވާފައެވެ. އަދި އިޖްތިމާޢީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި ތަޢުލީމާއި، ކުޑަކުދިން އަދި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި، ޖެންޑަރ އީކުއަލިޓީ ކައުންސިލްގެ ޗެއަރޕަރސަންކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑަރ ގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި، ކައުންސިލް ފޮރ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއަރޕަރސަންކަމާއި، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.

ޢާއިޝަތު މުޙައްމަދުދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓަރ އޮފް އަރޓްސް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެކަމަނާ ވަނީ ލުބުނާނުން ބެޗެލަރ އޮފް އަރޓްސް އާއި ޑިޕްލޮމާއިން ޓީޗިންގެ ވެސް ޙާޞިލުކުރައްވާފައެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމަށް އެކަމަނާ އައްޔަން ކުރައްވާފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *